ސިޔާސީ ޕާޓީ އުފެއްދުމުގެ މިނިވަންކަމާއެކު، މުޖުތަމައަށް އައިސްފައިވަނީ ނޭދެވޭ ބަދަލުތަކެއް: ފަލާހު
2008 ވަނަ އަހަރު އަމަލުކުރަން ފެށި އައު ގާނޫނުއަސާސީގެ ދަށުން ސިޔާސީ ޕާޓީތައް އުފެއްދުމުގެ މިނިވަންކަން ލިބުމާއެކު، ދިވެހި މުޖުތަމައަށް ނޭދެވޭ ބަދަލުތަކެއް އައިސްފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ގާނޫނާ ޚިލާފަށް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ގޮވާލާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ފަލާހް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އާދަޔާ ޚިލާފު ނުބައި ލީޑަރުން އިސްކޮށް ތިބި ސިޔާސީ ޕާޓީތައް އެބަހުރި ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ ސަބަބުން މުޖުތަމައުގެ އަޚުލާގީ މިންގަނޑުތައް ހަލާކުވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހްގެ ވާހަކަފުޅުގައި ބައެއް ސިޔާސީ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވިދާޅުވީ، ބައެއް ޕާޓީތަކުގެ ލީޑަރުންނަކީ އާދަޔާ ޚިލާފު "ނުބައި" އަދި "ވިޔާނުދާ" ބައެއް ކަމަށެވެ. އެ ލީޑަރުން އާންމުންނަށް ގޮވައިލަނީ އެކަކު އަނެކަކަށް އިހްތިރާމް ނުކުރުމަށާއި، ހިތަށް އައިހާ އެއްޗެއް އަނެކާއާ ދިމާލަށް ބުނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ބައެއް ލީޑަރުން އެބަ ގޮވައިލާ އެކަކު އަނެކަކަށް އިހްތިރާމް ކޮށްގެން ނޫޅޭނެ ކަމަށް. ހިތަށް އައިހާ ހުރިހާ އެއްޗެއް އަނެކާއާ ދިމާއަށް ކިޔާށޭ، ސީދާ ރާއްޖޭގެ ވެރިކަން ކޮށްފަ ތިބި ވެރިން އެ ގޮވައިލަނީ،"ފަލާހް ވިދާޅުވިއެވެ.
މީގެ އިތުރުން، ދީނީ އަދި އިޖުތިމާއީ ހަމަތަކުން ބޭރުވެ، ބޭނުން ކޮންމެ ދީނަކަށް އުޅެވޭނެ ކަމަށާއި ބޭނުން އެއްޗެއް ކެއުމާއި ބުއިމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ސަބަބުން މުޖުތަމައު މިއަދު އޮތީ ހައްދުނައްޓާފައިވާ ހާލަތެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ތަޅުމުގައިވެސް ބައެއް މެންބަރުން އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަ ދައްކަވާކަން ފާހަގަކުރައްވަމުން ފަލާހް ވިދާޅުވީ، އެފަދަ މެންބަރުންނަކީވެސް އެފަދަ ހައްދުފަހަނައަޅާފައިވާ ލީޑަރުން ތިބި ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން ކަމަށެވެ.






ރިއެކްޓް