ސިޔާސީ , ޚަބަރު

ގާނޫނާ ހިލާފަށް މުޒާހަރާކުރާ ކަމަށް ބުނެ އިދިކޮޅަށް ފިޔަވަޅު އަޅަން ޕީއެންސީން މަޖިލީހަށް

5 މޭ 2026 - 11:41
ގާނޫނާ ހިލާފަށް މުޒާހަރާކުރާ ކަމަށް ބުނެ އިދިކޮޅަށް ފިޔަވަޅު އަޅަން ޕީއެންސީން މަޖިލީހަށް

މާލޭގެ މަގުމަތީގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާތަކަކީ ގާނޫނާ ހިލާފު ހަރަކާތްތަކެއް ކަމަށް ބުނެ، އެކަންކަން ހުއްޓުވައި ފިޔަވަޅު އެޅުމަށް ގޮވާލާ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

މި ގަރާރު ހުށަހަޅުއްވަމުން އަބްދުއްސައްތާރު ވިދާޅުވީ، ބައެއް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގެ ސަބަބުން މާލޭގެ މަސްލަހަތު ގެއްލި، އެތައް ހާސް ރައްޔިތުންނަކަށް ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ވަކި ޕާޓީއެއްގެ ނަން ގަރާރުގައި ފާހަގަކޮށްފައި ނުވި ނަމަވެސް، މި ފަހަކަށް އައިސް މާލޭގައި މުޒާހަރާ ކުރަމުންދަނީ އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިންނެވެ.

ގަރާރުގައި މެންބަރު ގޮވާލައްވާފައި ވަނީ "ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތި އުދަނގޫތައް ވެސް ތަހައްމަލުކުރަން ޖެހިފައިވާތީ، އެފަދަ ފަރާތްތަކުން ހިންގަމުން ގެންދާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވައި އެފަދަ ފަރާތްތަކާ މެދު ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް" ކަމަށެވެ. އަދި މިކަމުގައި މަޖިލީހުގެ މެންބަރުން ދެކޭ ގޮތެއް ބެލުމަކީ ވެސް މި ގަރާރުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ގާނޫނުއަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި (27 ވަނަ މާއްދާ)، ސިޔާސީ ޕާޓީ ހިންގުމުގެ ހައްގާއި (30 ވަނަ މާއްދާ) އަދި އަބުރު ރައްކާތެރިކުރުމުގެ ހައްގަށް (33 ވަނަ މާއްދާ) އަބްދުއްސައްތާރު ރިއާޔަތް ކުރެއްވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހައްގުތަކާއި މިނިވަންކަމަކީ އެއާ ގުޅިފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކެއް ވެސް އެކުލެވިގެންވާ ކަންކަމެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅާފައި މިވަނީ، ޕީއެންއެފްގެ މަގުމަތީ ހަރަކާތްތައް ގާނޫނާ ހިލާފު ކަމަށް ބުނެ އެކަންކަން ހުއްޓާލުމަށް އިލެކްޝަންސް ކޮމިޝަނުން ފަހުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ ކުރިން ވެސް އެ ކޮމިޝަނުން ވަނީ އެ ޕާޓީއަށް އެކަމާ ގުޅޭ ނަސޭހަތް ދީފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0