ޚަބަރު , ސިޔާސީ

ޕީއެންއެފަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން ދީފި

4 މޭ 2026 - 22:50
ޕީއެންއެފަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން ދީފި
ޕީއެންއެފުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން. ފޮޓޯ: ވިރާސީ

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ގާނޫނީ އިމުގެ ބޭރުން މުޒާހަރާތަކާއި އެއްވުންތައް ތަކުރާރުކޮށް ބާއްވަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާތީ، އެކަންކަން އިސްލާހު ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ދީފިއެވެ.

އީސީން ބުނީ އެހެން ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ޕީއެންއެފުން އަމަލު ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގާނޫނުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތައް ބޭއްވުމުގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުރިހާ ޕާޓީތަކަކުން ވެސް ބޯލަނބަން ޖެހޭނެ ކަމަށް އީސީން ހަނދާންކޮށްދީފައިވެއެވެ.

މީގެ އިތުރުން، އެއް ޕާޓީއަކުން ބާއްވާ ބައްދަލުވުމަކަށް ހުރަސްއެޅޭ ގޮތަށް އެހެން ޕާޓީއެއްގެ މެންބަރުން އަމަލުކުރުމާއި، އެއް ވަގުތެއްގައި އެއް ސަރަހައްދެއްގައި ޖަލްސާ ބާއްވަން މަސައްކަތް ކުރުމަކީ ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށް ކޮމިޝަނުން ފާހަގަކުރިއެވެ. މިފަހުން ޕީއެންސީގެ ޖަގަހަ ސަރަހައްދުގައި އެ ޕާޓީން ޖަލްސާ ބޭއްވި ވަގުތު، ޕީއެންއެފްގެ ބައިވެރިން އެ ސަރަހައްދަށް ގޮސް ލަވަ ޖަހައި އަޑުގަދަކޮށް ހަރަކާތްތަކެއް ހިންގާފައިވާކަން ފާހަގަކުރެވެއެވެ.

އީސީން އިތުރަށް ބުނީ، ޕީއެންއެފުން ސިލްސިލާކޮށް ބާއްވާ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތައް ތަކުރާރު ކުރަމުންދާތީ އެކަންކަން ހުއްޓާލުމަށް އެ ޕާޓީއަށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. އަދި މިކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކޮމިޝަނަށް ހާޒިރުވުމަށް އެންގުމުން ޕީއެންއެފުން އެކަމަށް އުޒުރުވެރިވެފައިވާ ކަމަށް ވެސް އީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިފަދަ އަމަލުތައް ތަކުރާރު ކުރާ ނަމަ، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އެ ޕާޓީއާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމުގެ އެންމެ ފަހުގެ އިންޒާރު ދީފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0