ޚަބަރު , ސިޔާސީ

އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހެޅީ ރައީސް ނަޝީދުގެ ފަރާތުން ނޫން: ވައްޑެ

4 މޭ 2026 - 21:14
އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހެޅީ ރައީސް ނަޝީދުގެ ފަރާތުން ނޫން: ވައްޑެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މައްޗަށް ދައުވާކޮށް މިއަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ކެމްޕޭން ޓީމުން ދޮގުކޮށްފިއެވެ

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކުސްގައި ކުރެއްވި ޕޯސްޓެއްގައި ޗެއާޕާސަން އިންތިހާބުގަ ރައީސް ނަޝީދުގެ ތަރުޖަމާނު އަދި އެމްޑީޕީގެ ގައުމީ މަޖިލިސްގެ ދިއްދޫ ދާއިރާގެ ރައީސް މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އެފަދަ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

ވައްޑެ ވިދާޅުވި ގޮތުގައި މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަށް އޮންނަ އިތުބާރު ގެއްލި، ޕާޓީގެ އެތެރޭގެ މަޞްލަޙަތަށް ހިޔަނި އެޅޭނެ ކަމެކެވެ. ރައީސް ނަޝީދުގެ ކެމްޕޭން ޓީމުގެ އެދުމަކީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ފުރުޞަތު އެމްޑީޕީގެ އާންމު މެންބަރުންނަށް ލިބިގެންދިއުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އަމިއްލަ ޙައިޘިއްޔަތުން ޤާނޫނީ ވަކީލު އަލްއުސްތާޛް އަބްދުﷲ ޝާއިރެވެ. މި މައްސަލަ ބިނާކޮށްފައިވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ އެމްޑީޕީގެ އަސާސީ ޤަވާއިދުގެ 46 ވަނަ މާއްދާއާ ޚިލާފަށް، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ އިރުޝާދެއް ނެތި އިންތިޚާބާ ބެހޭ ކޮމިޓީން އަމިއްލަ ގޮތްތަކެއް ނިންމައިގެން އިންތިޚާބު އިންތިޒާމުކުރަމުންދާ މައްސަލައެވެ.

މީގެ އިތުރުން، ޕާޓީގެ ލީޑަޝިޕާއި އިންތިޚާބާ ބެހޭ ކޮމިޓީން އެމްޑީޕީގެ އަސާސީ ޤަވާއިދަށް ފުރިހަމައަށް އަމަލުކުރުމަށް އަމުރު ކޮށްދިނުމަށްވެސް އެ މައްސަލައިގައި އެދިފައިވެއެވެ. ވައްޑެ ވިދާޅުވީ ޕާޓީގެ މަޤާމުތަކާއި ނިންމުންތަކަށް އިތުބާރާއި ސައްޙަކަން ލިބިދެވޭނީ އިންތިޚާބުތަކުގެ ތެރެއިން ކަމަށް ދެކޭ ކަމަށެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން އިތުރަށް ބުނެފައިވަނީ، އެ ފަރާތުން ހިންގާ ޙަރަކާތްތަކާއި، ނިންމާ ނިންމުންތައް އަދި އަޅާ ފިޔަވަޅުތައް ޤަވާއިދުން އާންމު ކުރަމުން ގެންދާނެ ކަމަށެވެ. އެހެންކަމުން، އެހެން ފަރާތްތަކުން ފަތުރާ ނުރަނގަޅު މަޢުލޫމާތުތަކަށް ސަމާލުވުމަށްވެސް އެ ކެމްޕޭން ޓީމުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0