އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ މައްސަލަ ސިވިލް ކޯޓަށް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބާ ގުޅޭގޮތުން އެ ޕާޓީން ނެރެފައިވާ އިންތިހާބުގެ ތާވަލު ނުވަތަ ޓައިމްލައިން ބާތިލުކޮށް އިންތިހާބާއި ބެހޭ ކަންކަމުގައި އަމަލުކުރަންޖެހޭނީ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާއާ އެއްގޮތަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ގާނޫނީ ވަކީލު އަބްދުالله ޝާއިރު ހުށަހެޅުއްވި މި މައްސަލާގައި އެދިފައިވަނީ އިންތިހާބުގެ ކަންކަން ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ ބެލުމުގެ ދަށުން ކުރިއަށްގެންދަން ޖެހޭ ގޮތަށް ކަނޑައަޅައިދިނުމަށެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބަޔާންކޮށްފައިވަނީ އެމްޑީޕީގެ އިންތިހާބީ ކޮމިޓީން ނިންމާފައިވާ ނިންމުންތަކަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ނިންމުންތަކެއް ކަމަށެވެ. އަދި މިހާރު އިއުލާނުކޮށްފައިވާ ޓައިމްލައިނަކީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް، އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާއާ ހިލާފަށް ކޮށްފައިވާ އިއުލާނެއް ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގައި ބުނާ ގޮތުން ޗެއާޕާސަން އިންތިހާބުގެ އެންމެހާ ކަމެއް ކުރަން ޖެހެނީ އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ ބެލުމުގެ ދަށުންނެވެ. ޝާއިރު ފާހަގަކުރެއްވި ގޮތުގައި 2017 އަދި 2021 ވަނަ އަހަރު ބޭއްވުނު އިންތިހާބުތަކުގައިވެސް އަމަލުކޮށްފައިވަނީ މި އުސޫލުންނެވެ. އެހެންކަމުން، އިންތިހާބާ ގުޅޭ އެންމެހައި ކަންކަން ރާވައި ހިންގުމުގެ މަސްއޫލިއްޔަތު އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށް އޮންނަންވާނެ ކަމަށް ކަނޑައަޅައިދިނުމަށް ވަނީ އެދިފައެވެ.
މި މައްސަލައާ ގުޅޭގޮތުން ވަކީލު ޝާއިރު ވިދާޅުވީ، "ކުރިއަށް އޮތް އިންތިޚާބާ ގުޅޭގޮތުން ޕާޓީގެ އަމަލުތައް އަސާސީ ޤަވާޢިދުގެ އިމުގެ ތެރެއަށް ރުޖޫޢަކުރުވުމަށްޓަކައި، އަޅުގަނޑު ވާނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ." އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި އެމްޑީޕީގެ އެއް މަގްސަދަކީ ވަކި ބައެއްގެ ނިންމުންތަކަށް އިސްކަންދިނުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ގަވާއިދުތަކަށް ބޯލެނބުމުގެ ސަގާފަތެއް ގާއިމުކުރުމެވެ.
މި އިންތިހާބުގައި ވާދަކުރެއްވުމަށް ޝަރުތު ހަމަވާ ކަމަށް ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ކަނޑައަޅާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އަދި އިބްރާހިމް މުހައްމަދު (ވާޑު) އެވެ. އެމްޑީޕީގެ ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ.
ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން ހިމެނެއެވެ. ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާ މި މަގާމަކީ ޕާޓީގެ އިދާރީ ހިންގުމުގެ އެންމެ މުހިންމު އެއް ތަނބެވެ.






ރިއެކްޓް