މައުލޫމާތަށް އެދުމުގެ ކުރިންވެސް މި ސަރުކާރުން ދަނީ މައުލޫމާތު ހާމަކުރަމުން: ޝުޖާ
މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ދަށުން މަޢުލޫމާތަށް އެދުމުގެ ކުރިންވެސް މި ސަރުކާރުން ދަނީ މަޢުލޫމާތު ހާމަކުރަމުން ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކަކީ މިއަދު ދިވެހިން ފަޚުރުވެރިވާންޖެހޭ ކަމެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ނުލިބޭ ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މިކާއިލް އަޙްމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. ޝުޖާއު ފާހަގަކުރެއްވި ގޮތުގައި ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މިހާރު އޮތީ 108 ވަނައިގައެވެ. މިއީ އަވަށްޓެރި ބައެއް ބޮޑެތި ޤައުމުތަކާއި އަރަބި އިސްލާމީ ބައެއް ޤައުމުތަކަށްވުރެ މާ ކުރީގައި އޮތް ރޭންކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ހާމަކަން ބޮޑު ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދައުލަތުގެ ވަޒީރުން ކޮންމެ ހަފްތާއަކު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ގެންދަވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކޮންމެ މަހަކު އެއްފަހަރު ނޫސްވެރިންނާ ބައްދަލުކުރައްވައި މަޢުލޫމާތު ދެއްވަމުން ގެންދަވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ ފެހި ޤާނޫނުއަސާސީ ވުޖޫދުވި ފަހުން މިހާ ހާމަކަން ބޮޑުކޮށް ކަންކަން ހިންގާ ސަރުކާރެއް އަދި ނުދެކެން. މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ދަށުން މަޢުލޫމާތަށް އެދުމުގެ ކުރިންވެސް މި ސަރުކާރުން ދަނީ މަޢުލޫމާތު ހާމަކުރަމުން،" ޝުޖާއު ވިދާޅުވިއެވެ.
ނޫސްވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ނޫސް މަޖައްލާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ކަނޑައެޅުމާއި، ނޫސްވެރިންނަށް ޚާއްޞަ 'މީޑިއާ ވިލެޖް' އެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބައެއް ޕްރައިވެޓް މީޑިއާތަކުން އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ވާހަކަތައް ބްރޯޑްކާސްޓް ކުރަމުންދާތީ ޝުޖާއު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ޕީއެސްއެމްގެ ތާރީޚުގައިވެސް ވާދަވެރިންނަށް މިހާ ފަހި ފުރުޞަތުތަކެއް ލިބުނު ދައުރެއް ދިވެހިރާއްޖެ ނުދެކޭ ކަމަށާއި، މިހާރު ފެންނަނީ ވަރަށް ތެދު އަދި ހަޤީޤީ މަޢުލޫމާތު ދެފުށް ފެންނަ ގޮތަށް ފަތުރަމުންދާ މަންޒަރު ކަމަށެވެ.






ރިއެކްޓް