ސިޔާސީ , ޚަބަރު

'އަދަދު' ނޫހުން ހިފެހެއްޓި ޑިވައިސްތަކުގެ ޕާސްވޯޑް ހޯދަން ކޯޓު އަމުރެއް

4 މޭ 2026 - 16:22
'އަދަދު' ނޫހުން ހިފެހެއްޓި ޑިވައިސްތަކުގެ ޕާސްވޯޑް ހޯދަން ކޯޓު އަމުރެއް

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ "އަދަދު" ނޫހުގެ ލެޕްޓޮޕްތަކާއި ހާޑް ޑިސްކްތަކުގެ އިތުރުން ކްލައުޑްގައިވާ މަޢުލޫމާތުތަކަށް ވަނުމަށް ބޭނުންވާ ޕާސްވޯޑްތައް ހޯދުމަށް ކޯޓު އަމުރެއް ނެރެ، އެ ނޫހުގެ ސީއީއޯ ފިޔާޒު ފުލުހަށް ޙާޟިރުކޮށްފިއެވެ.

މި އަމުރުގެ ދަށުން ޑިވައިސްތަކުގެ އެކްސެސް ހޯދުމާއި، ޓޫ-ފެކްޓަރ ވެރިފިކޭޝަން ފަދަ ސެކިއުރިޓީ ކަންކަން ފުރިހަމަކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުން ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާއަށް ޙާޟިރުވުމަށްފަހު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ޤާނޫނީ ވަކީލު އަލީ ޙުސައިން ވިދާޅުވީ، ޑިވައިސްތަކުގެ ޕާސްވޯޑްތައް ދީފިނަމަ، މަޢުލޫމާތު ދިން ފަރާތްތައް ނުވަތަ މަސްދަރުތައް ހާމަވެދާނެ ކަމުގެ ބިރު އޮތް ކަމަށެވެ. އަދި މަސްދަރު ހާމަނުކުރުމަކީ ޤާނޫނުއަސާސީން ލިބިދޭ ޙައްޤެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަކީލު އިތުރަށް ވިދާޅުވީ، މަސްދަރުތަކަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށެވެ. "މަސްދަރު ހާމަކުރެވެން ނެތް ކަމަށް ބަޔާންކޮށްފައިވާނެ. އެއީ ޕާސްވޯޑްތައް ދީފިނަމަ މަސްދަރުތައް ހާމަވެގެންދާނެތީ،" އަލީ ޙުސައިން ވިދާޅުވިއެވެ.

މި ތަޙުޤީޤަކީ ވަކި ފަރާތްތަކެއްގެ ނުފޫޒު އޮވެގެން ކުރިއަށްދާ މައްސަލައެއް ކަމަށް ތުހުމަތުކުރައްވަމުން، ވަކީލު ވިދާޅުވީ ޕާސްވޯޑްތައް ނުދީފިނަމަ ކުރިމަތިވެދާނެ ޤާނޫނީ ނަތީޖާތަކާ ބެހޭގޮތުން ފުލުހުން އިންޒާރު ދީފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ފިޔާޒު އެއްވެސް ސިފައެއްގައި ގަޒްފުކޮށްފައި ނުވާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި މަސްދަރުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ޕާސްވޯޑްތައް ނުދިނުމުގެ ސަބަބުން ދަޢުވާ އުފުލި ނުވަތަ ޖަލަށް ދާންޖެހުނު ކަމުގައިވިޔަސް، ޑިވައިސްތަކުގެ ޕާސްވޯޑްތައް ދޫނުކުރަން ފިޔާޒު ނިންމާފައިވާކަން ވަކީލު ވަނީ ސާފުކޮށްދީފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0