ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން ބުދަ ދުވަހު
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ބާއްވާ ގުރުއަތުލުން އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ތާވަލުކޮށްފިއެވެ. މި ގުރުއަތުލުން ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިންނެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ މައިގަނޑު ދެ ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އަދި އިދިކޮޅު އެމްޑީޕީގެ ފަރާތުން އަބްދުﷲ ސާދިގު (ސޯބެ) އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ގުރުއަތުލުމަށް ކެންޑިޑޭޓުންނަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، އެ ބޭފުޅެއްގެ ބަދަލުގައި ފޮނުވާ ފަރާތުގެ މައުލޫމާތު ހިމެނޭ ރަސްމީ ސިޓީއަކާއި އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ. މިއީ ކެންޑިޑޭޓުންގެ ނަންތައް ބެލޮޓް ކަރުދާހުގައި ތަރުތީބުކުރާނެ ނަންބަރު ކަނޑައެޅުމަށް ބާއްވާ ރަސްމިއްޔާތެކެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކަމާބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.
މި ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ޖެހުނީ، ކުރިން އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. މި ހުކުމާއެކު އެ ދާއިރާގެ ގޮނޑި ވަނީ ހުސްވެފައެވެ.






ރިއެކްޓް