ސިޔާސީ , ޚަބަރު

ރަކީދޫ އާއި ރަތްމަންދޫ ޑަބްލިއުޑީސީއަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

3 މޭ 2026 - 19:54
ރަކީދޫ އާއި ރަތްމަންދޫ ޑަބްލިއުޑީސީއަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

ވ. ރަކީދޫ އާއި މ. ރަތްމަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަލުން ހުޅުވާލައިފިއެވެ.

މިދިޔަ އޭޕްރިލް މަހު ބޭއްވި ޑަބްލިއުޑީސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި މި ދެ ރަށުގެ ކޮމެޓީއަށް އިންތިހާބު ކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީ، އީސީން މިހާރު ނިންމާފައިވަނީ މި ދެ ރަށުގެ އިންތިހާބު އަންނަ ޖޫން މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި ދެ ރަށުގެ ޑަބްލިއުޑީސީގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް މެއި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ފޯމު ހުށަހަޅަންޖެހޭނީ "މައި ޕޯޓަލް" މެދުވެރިކޮށެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 15:30 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ހަވީރު 18:00 އާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.

ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިހާބު ކުރަންޖެހެނީ ކޮމިޓީގެ ރައީސް އަދި އެއް މެންބަރެކެވެ. ރަތްމަންދޫ އަށް ބަލާއިރު، އެ ރަށު ކޮމިޓީގެ ރައީސްގެ މަގާމަށް އެއް މެންބަރުއަދި ކޮމިޓީގެ މެންބަރުގެ މަގާމަށް ދެ މެންބަރުން އިންތިހާބު ކުރަންޖެހެއެވެ.

މި އިންތިހާބުގެ ވޯޓު ނެގުން ކުރިއަށްދާނީ ޖޫން 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އާ ހަމައަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0