ސިޔާސީ , ކޮލަމް , ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަން: ރައީސް މުޢިއްޒުގެ ބަހާއި އަމަލުގެ ފަރަގު

3 މޭ 2026 - 20:07
ނޫސްވެރިކަމުގެ މިނިވަންކަން: ރައީސް މުޢިއްޒުގެ ބަހާއި އަމަލުގެ ފަރަގު

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުގެ "ހަތަރުވަނަ ބާރަށް" ވަރަށް ބޮޑަށް ތައުރީފު ކުރައްވައި، ނޫސްވެރިކަމަކީ ޑިމޮކްރަސީގެ ވިންދު ކަމަށް ސިފަކުރައްވާފައެވެ. ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރުކޮށްފައިވާ އެ ހިތާބުގައި، ނޫސްވެރިކަމުގެ މިނިވަންކަމުގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓަވާނެ ކަމަށް ވައުދުވެވަޑައިގެން، ހަގީގަތް ހާމަކުރާ ފަރާތްތަކަށް "ފަހި އަދި ރައްކާތެރި މާހައުލެއް" ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، ދިވެހި މީޑިއާގެ އަމަލީ މައިދާނުގައި މަސައްކަތްކުރާ ފަރާތްތަކަށް ރައީސްގެ މި ބަސްފުޅުތަކަކީ އެއްވެސް ބުރަދަނެއް ނެތް ހުސް ވާހަކަތަކެކެވެ. އެއީ ހަމައެކަނި ސިޔާސީ އޮމާން ބަސްތަކެއް ނޫނެވެ. އެއީ ވޭތުވެދިޔަ ދުވަސްތަކުގައި މީޑިއާގެ މިނިވަންކަން ނައްތާލުމަށް ސިސްޓަމެޓިކްކޮށް ހިންގާފައިވާ އަމަލުތަކާ މުޅިން އިދިކޮޅު ވާހަކަތަކެކެވެ.

"ރައްކާތެރި މާހައުލެއްގެ" ވާހަކަ ރައީސް ދެއްކެވި ނަމަވެސް، މީގެ މަދު ދުވަސްކޮޅެއް ކުރިން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ރާއްޖޭގެ ތާރީހުގައި މީޑިއާ އިދާރާއަކަށް އަމާޒުކުރި އެންމެ ބޮޑު ރޭޑް ޖައްސާފައެވެ. "އައިޝާ" ގެ ނަމުގައި އުފެއްދި ތަހުގީގީ ޑޮކިއުމެންޓްރީއާ ގުޅިގެން "އަދަދު" ނޫހަށް އަމާޒުކޮށް ހިންގި މި އޮޕަރޭޝަނުގައި ލެޕްޓޮޕްތަކާއި، ސާވަރުތަކާއި، ނޫސްވެރިންގެ އަމިއްލަ ފޯނުތައް ވަނީ ހިފަހައްޓާފައެވެ. މި ރޭޑް ހިންގުމަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ (ހ) (ގަޒްފު) ބޭނުންކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ސަބަބަކީ ގަޒްފު ކުރިއްޔާ އެކުރީ ރައީސް އޮފީހުގެ މުވައްޒަފެކެވެ. "އަދަދު" ނޫހަކުން ނޫނެވެ.

އެމީހާ ހޯދަން ބަލަންވީ ރައީސް އޮފީހުގެ ރިކޯޑުތަކެވެ. ނޫސްވެރިކަމުގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ދުނިޔޭގެ ޖަމްއިއްޔާތަކާއި އާންމު ދިވެހި ރައްޔިތުންގެ ޝަކުވާއަކީވެސް މިއީއެވެ. ތަހުގީގު ކުރަން ވީ އަދަދު ނޫހެއް ނޫނެވެ. ތަހުގީގުކުރަންވީ ރައީސް އޮފީހާއި އެ އޮފީހުން މިނިސްޓްރީތަކަށް ބަދަލުކުރި މުވައްޒަފުންނެވެ. "ދެން ނުވީމާ ނޫނީ ނޫސްވެރިންނާއި ސުވާލު ކުރެވިގެން ނުވާނެއެވެ." 

ނޫސްވެރިންގެ ފަރާތުން މައުލޫމާތު ހޯދާނެ ގޮތް ވެސް ނެތީކީ ނޫނެވެ. ފުލުހުންގެ އިދާރާއިން ތަހުގީގެއް ކުރަމުން ދާއިރު ބޭނުންވާ މައުލޫމާތެއް ނޫހަކުން ނުދީފި ނަމަ އަމަލު ކުރާނެ ގޮތް ގާނޫނާއި ގަވާއިދު ތަކުގައި، ކަޅާއި ހުދުން ކަރުދާހައް ތިރިކޮށްފައި އެބަހުއްޓެވެ. ނޫސްވެރިން މައުލޫމާތު ނުދިނުމުން މައުލޫމާތު ހޯދަން ދާންވީ ކޯޓަށެވެ. އެ ހިސާބުން މައުލޫމާތެއް ދޭން ޖެހޭތޯ ނުޖެހޭތޯ ނިންމާނީ ކޯޓުންނެވެ. ރެއިޑް ކުރުން ކިރިޔާވެސް "ލެޖިޓިމޭޓް" ކުރެވޭނެ ގޮތަކީ އެއީއެވެ. 

ނަމަވެސް މިސަރުކާރުން އަމަލު ކުރީ ސީދާ އިނދިކޮޅަށެވެ. ފުރަތަމަ ރެއިޑް ކުރީއެވެ، ދެން ޕާސްޕޯޓު ހިފެހެއްޓީއެވެ، ދެން ކުރީ ސުވާލެވެ، ކޯޓަށް ދިޔުން އަދި ކުރިއަށް އޮތީއެވެ. އަޅުގަނޑުގެ ރައްޓެއްސެއް އާންމުކޮށް ބުނާ ބަހެއް އޮވެއެވެ. މި ސަރުކާރުގެ އެސް.އޯ.ޕީ އަކީ "ފކ އެރައުންޑް އެންޑް ފައިންޑް އައުޓް"އެވެ. މިފަހަރުވެސް ކަންތައް މިކުރީ ހަމަ އެ މަގުންނެވެ.

މީޑިއާގެ މަދަނީ ގަވާއިދުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފުރަގަސްދީ، ދީނީ ތުހުމަތުތަކާ ގުޅުންހުރި ޖިނާއީ ގާނޫނުތައް ބޭނުންކޮށްގެން، ސަރުކާރުން ވަނީ މިނިވަން ނޫސްވެރިކަން ހުއްޓުވުމަށް ގާނޫނީ ނިޒާމު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަން ފަށާފަފައެވެ.

ރައީސް ރައްކާތެރިކަމުގެ ވައުދު ވެވަޑައިގަންނަވާއިރު، އެމަނިކުފާނުގެ ސަރުކާރުން ވަނީ ސަރުކާރަށް ފާޑުކިޔާ ނޫހެއްގެ ސީއީއޯއާއި އެ ނޫހުގެ އެޑިޓަރު ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައެވެ. އަސާސީ ހައްގެއް މި ހިފެހެއްޓީ އެންމެ ސުވާލެއްވެސް ކޮށްނުލައެވެ. މިއީ ތަހުގީގުކުރުމުގެ ނަމުގައި ނޫސްވެރިންނަކީ ފިލައިގެން ގޮސްފާނެ ބޮޑެތި މުޖުރިމުންގެ ގޮތުގައި މުޖުތަމައުއަށް ދެއްކުމަށް ރޭވިގެން ހިންގާފައިވާ އަމަލެކެވެ.

ރައީސް މުއިއްޒުގެ ހިތާބުގައި "މީޑިއާ ވިލެޖް" އެއް ހެދުމާއި، ނޫސް އިދާރާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ކަނޑައެޅުމުގެ ވާހަކަތައް ފާހަގަކުރެއްވިއެވެ. މިއީ "ނޫސްވެރިން" ވަރަށް އުފާކުރާ ވާހަކައެކެވެ. އެކަމަކު އެއީ ބައެއް ނޫސްވެރިންނެވެ. ނޫސްވެރިކަން ކުރުމުގެ ނަމަުގައި މިހާރު ވެސް ސަރުކާރުގެ ކުންފުނިތަކުން މިލިއަނުން ފައިސާ ނަގައިގެން ގަލަމާއި ދޫ ވިއްކާލި ވިޔަފާރިވެރިން އުފާ ކުރާނެ ކަމެކެވެ. މާލީ އެހީ ލިބި މީޑިޔާ ވިލެޖުން ޖާގަ ލިބި ކުލިދައްކަން ނުޖެހުމުން ވިޔަފާރި ފުޅާވީތާއެވެ.

ދައުލަތުގެ ހިއްސާވާ ކުންފުނިތަކުގެ އިޝްތިހާރު ބަޖެޓުތައް ހަމައެކަނި ސަރުކާރުގެ "ޕްރޮޕެގެންޑާ" ފަތުރާ މީޑިއާތަކަށް އަމާޒުކުރުމުގެ އާދަ ދަނީ އިތުރުވަމުންނެވެ. "ބިނާކުރަނިވި ފާޑުކިޔުން" ހުށަހަޅާ މިނިވަން މީޑިއާތަކަށް (މިއީ ރައީސް ބަލައިގަންނާނެ ކަމަށް ވިދާޅުވާ ކަމެކެވެ) މާލީ ގޮތުން ދަތިކުރަމުންދާއިރު، ސަރުކާރަށް ތާއީދުކުރާ ޕްލެޓްފޯމްތައް ދަނީ ކުރިއަރަމުންނެވެ. ދާދި ފަހުން ސަރުކާރުގެ ކުންފުންޏެއްގެ ޕީއާރުގައި އުޅޭ ރައްޓެއްސަކާ ދިމާވެގެން ހަބަރު އަހާލުމުން ބުނީ ވަކި މީޑިއާއަކަށް ފައިސާދޭތީ އެ ސްޕޯންސާ ކަނޑާލަން ސަރުކާރުން އަންގައިގެން އެކަން ކުރާނެ ގޮތެއް ނޭގިގެން އެކަމާ ވިސްނަނީ ކަމަށެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، ސަރުކާރުގެ ނުފޫޒު ބޮޑު އެއް މުއައްސަސާއަކަށް ބަދަލުކުރުމުން، "ޒިންމާދާރު" ނޫސްވެރިއަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ސަރުކާރުން ވަނީ މުއައްސަސާގެ ތެރެއިން ހޯދާފައެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް (RSF) ގެ 2026 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައިވާ ގޮތުން، ރާއްޖެ ވަނީ 108 ވަނައަށް ވެއްޓިފައެވެ. މިއީ 2022 ވަނަ އަހަރު "ހިތްހަމަޖެހޭ" މިންވަރެއްގައި އޮތް 87 ވަނައިން ފެށިގެން މެދުނުކެނޑި ދަށަށް ދަމުން ދަމުން ގޮސް ވެއްޓުނު ހިސާބެވެ. އަދިވެސް މިނިވަނޭ ކިޔައިގެން އަޅުގަނޑުމެން ހެވިފަ ހަމަ ތިބެންވީތޯއެވެ.

އާރްއެސްއެފްގެ ސްކޯތަކުން ހާމަވަނީ ރައީސްގެ ހިތާބުގައި އުނިކޮށްފައިވާ ހަގީގަތްތަކެވެ،

އިގްތިސާދީ މިންގަނޑު: 39 ދަރަޖަ ދަށަށް ގޮސްފައި.

ގާނޫނީ މިންގަނޑު: 23 ދަރަޖަ ދަށަށް ގޮސްފައި.

ރައްކާތެރި ކަމުގެ އިންޑިކޭޓަރ: 21 ދަރަޖަ ދަށަށް ގޮސްފައި.

މިދައްކަނީ އިނދިކޮޅު ޕާޓީ އިން އާންމުކުރި ރިޕޯޓެެއްގެ ވާހަކައެއް ނޫނެވެ. މިއީ ބައިނަލްއަގުވާމީ މިންގަނޑުން ނޫސްވެރިކަމުގެ މިނިވަންކަން މިނެކިރާ ފަރާތުގެ ތިލަފަތުގެ ވަޒަނުން ވަޒަން ކުރުމަށްފަހު އެ ޒިންމާ އުފުލުމާއި ހަވާލުވެގެން ތިބި އާމިލުންގެ ބަހެވެ. އެ ބަހާއި ޖަދަލު ކުރުމު ފަންނެއް ހުނަރެއް މި ސަރުކާރަކުވެސް ހުދު އަޅުގަނޑުގެ ކިބަޔަކުވެސް ނުހުންނާނެ.ކަން ޔަގީނެވެ.

ނޫސްވެރިންނަކީ "ޒިންމާދާރު" އަދި "ތެދުވެރި" ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާއިރު، އެމަނިކުފާނުގެ ސަރުކާރުން "ތެދު" މާނަކުރަނީ ސަރުކާރަށް ގޮންނުޖަހާ ކޮންމެ އެއްޗަކަށެވެ. އެޑިޓަރުން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް، ނޫސް އިދާރާތައް ރެއިޑް ކުރަމުންދާ ދަނޑިވަޅެއްގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ވާހަކަ ރައީސް ދެއްކެވުމަކީ އަޅުގަނޑުމެންގެ ގަލަމާއި އެ ގަލަމުގެ ދެއްޔަށްވެސް ކުރެވޭ މަލާމާތެކެވެ. 

"މޯލްޑިވްސް 2.0" ގެ ތަޞައްވަރަކީ ހަމައެކަނި ހަނުތިބޭ "މިނިވަން" މީޑިއާއެއް ކަމުގައިވާނަމަ، އެއީ ދައުލަތުގެ ހަތަރުވަނަ ބާރު، ބާރުވެރިކުރުވުމެއް ނޫނެވެ. އެއީ އެ ބާރު ފަނޑުކޮށްލުމެވެ. ނޫސްވެރިކަމުގެ ހަގީގީ މިނިވަންކަން މިނެކިރެނީ ރައީސްގެ ހިތާބެއްގެ ފުރިހަމަކަމަކުން ނޫނެވެ. އެއީ ފުލުހުން ދޮރުމައްޗަށް ނާންނާނެކަމުގެ ޔަގީންކަމާއެކު، ގަލަން ހިންގާލުމަށްފަހު ހަމަ ނޭވާއެއް ލާ ނޫވެސްވެރިޔާގެ ހިތައް ލިބޭ ތަސައްލީ އިން ނޫނީ މިނެކިރޭނެ އެއްޗެއް ނޫނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0