ސިޔާސީ , ޚަބަރު

ދުވަހަކުވެސް މީޑިއާތަކަށް ނުދޭ ސަމާލުކަން މި ސަރުކާރުން ދޭ: ރައީސް

3 މޭ 2026 - 14:00
ދުވަހަކުވެސް މީޑިއާތަކަށް ނުދޭ ސަމާލުކަން މި ސަރުކާރުން ދޭ: ރައީސް

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި މެސެޖުގައި، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި ސިފަކުރައްވައި، ރައްޔިތުން ބާރުވެރިކުރުވުމާއި ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގައި ޒިންމާދާރު ނޫސްވެރިކަމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ކަމެއް ނަމަވެސް، އެކަން ކުރަންވާނީ އަޚުލާޤީ މިންގަނޑުތަކާއި މުޖުތަމަޢުގެ މަޞްލަޙަތަށް ރިޢާޔަތްކޮށްގެންކަން ރައީސް ހަނދާންކޮށްދެއްވިއެވެ.

ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އެންމެ މަތީ މަޞްލަޙަތުކަމަށް ވިދާޅުވަމުން، ޤާނޫނު އަސާސީން ލިބިދޭ އެންމެހައި ޙައްޤުތައް ފުރިހަމައަށް ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް އެރުވިއެވެ. މީގެ އިތުރުން، ނޫސްވެރިކަމުގެ ދާއިރާއަކީ ޒުވާނުންނަށް އުޖާލާ މުސްތަޤުބަލެއް އޮތް، އަބުރުވެރި ދިރިއުޅުމެއް ބިނާކުރެވޭނެ ދާއިރާއަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މީޑިއާތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ދިނުމަށާއި، 'މީޑިއާ ވިލެޖް' އެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް އިޢުލާނުކުރެއްވިއެވެ. މި މަސައްކަތްތަކުގެ މަޤްޞަދަކީ މީޑިއާތަކުގެ މާލީ މިނިވަންކަން ކަށަވަރުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ނޫސްވެރިކަން ކުރިއެރުވުމެވެ.

ނޫސްވެރިކަމަކީ ލިބިދޭ ޙައްޤަކަށްވާއިރު، އެއީ ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވައި، ތެދު މަޢުލޫމާތު ފެތުރުމަށާއި ބިނާކުރުވަނިވި ފާޑުކިޔުންތަކަށް ސަރުކާރުން އަބދުވެސް މަރުޙަބާ ކިޔާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ނޫސްވެރިންނަށް ބޭރުގެ ޤައުމުތަކުން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތުތައް އިތުރަށް ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ ބައެއް ތަންތަނުގައި ނޫސްވެރިންނަށް ގަސްދުގައި ހަމަލާދީ މަރާލުމާއި، އެކިއެކި އަދަބުތައް ދެމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ވިދާޅުވީ، "މިއީ، މިއަދު ބަލައިގަނެވޭނެ ކަމެއް ނޫން. ނޫސްވެރިންނާ ދެކޮޅަށް ދުނިޔޭގައި ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށް މިއަދު ގޮވާލަން" ކަމަށެވެ.

މީގެ އިތުރުން، ބަވަނަވަމުން އަންނަ ދުނިޔޭގައި ދޮގު މަޢުލޫމާތު ފެތުރުމުގެ އިތުރު ހަތިޔާރެއްގެ ގޮތުގައި ޑީޕް ފޭކް އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަމުންދާ ދިއުމާމެދު ރައްކާތެރިވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. ރައީސްގެ މެސެޖު ނިންމަވާލެއްވީ މިނިވަން އަދި ރައްކާތެރި ދިވެހި މީޑިއާއެއް ޤާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0