ސިޔާސީ , ޚަބަރު

އަސާސީ ގަވާއިދާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަން ގަޕޯ ދެކޮޅު ހަދައިފި

2 މޭ 2026 - 22:00
އަސާސީ ގަވާއިދާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަން ގަޕޯ ދެކޮޅު ހަދައިފި
އެމްޑީޕީގެ ޗެއާޕާސަން ގަޕޯ. ފޮޓޯ: ވިރާސީ
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ގުޅިގެން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުންތަކަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްއަފޫރު މޫސާ (ގަޕޯ) އަމަލު ނުކުރާކަން، ޕާޓީގެ އެތެރޭގެ ބައެއް މުއާމަލާތްތަކުން ހާމަވެއްޖެއެވެ.
"ވިރާސީ"އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިންތިހާބުގެ ކަންކަމުގައި އަސާސީ ގަވާއިދާ ހިލާފަށް ކަންކަން ކޮށްފައިވާކަން ހާމަވެއެވެ.

މިގޮތުން 26 އެޕްރީލް 2026 ގައި އިސްތިއުނާފް ފަނޑިޔާރުނގެ މަޖިލީހަށް ގަޕޯ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ޗެއާޕާސަން އިންތިހާބަކީ އޭނާގެ ބައިވެރިވުމެއް ނެތި ކުރިއަށްގެންދަން އަސާސީ ގަވާއިދުގައި އޮންނަ ކަމެއް ކަމަށާއި، އުސޫލުން ބޭރުން އެއްވެސް ކަމެއް ހިނގާފައިވާ ކަމަށް ފާހަގަނުކުރެވޭ ކަމަށެވެ. އަދި އިންތިހާބާ ބެހޭ ކޮމިޓީއާއި އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ މައުލޫމާތުތަކަށް ބަލާއިރު ހުރިހާ ކަމެއް ހިނގަނީ އުސޫލުގެ ތެރެއިން ކަމަށް ބުނެ، އިންތިހާބާ ބެހޭ އެއްވެސް ކަމެއް ބާތިލް ކުރެވެން ނެތް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ޕާޓީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕާޓީގެ އެއްވެސް ކަމަކާ މެދު މެންބަރަކު ޝަކުވާއެއް ހުށަހަޅައިފި ނަމަ އެންމެ ފަހުގެ ނިންމުން ނިންމާނީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުންނެވެ. އަދި ޗެއާޕާސަންގެ އިންތިހާބުގެ ކަންތައްތައް ހިންގާނީ ސީދާ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް ކަމަށްވެސް އެ މާއްދާގައި ބުނެފައިވެއެވެ.

މި މާއްދާއާ ހަވާލާދީ، 01 މެއި 2026ގައި އިސްތިއުނާފް މަޖިލީހުގެ ރައީސް، ޕާޓީގެ ސެކްރަޓެރީ ޖެނެރަލް ޝާޒްލީ ޝަފީގަށް ފޮނުއްވި ސިޓީއެއްގައި ވަނީ، އިންތިހާބުގެ ޓައިމްލައިނަށް ބަދަލު ގެނައުމަށް އެ މަޖިލީހުން ނިންމާފައިވާ ކަމަށް އަންގާފައެވެ.

އެއީ ކެންޑިޑޭޓުންނާއި މެންބަރުންގެ ހައްގުތައް ރައްކާތެރިކޮށް، އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި ގެނައި ބަދަލެއް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އިސްތިއުނާފް މަޖިލީހުގެ ރައީސް އެދިވަޑައިގެންފައިވަނީ އާ ޓައިމްލައިން ޕާޓީގެ ވެބްސައިޓުގައި ޝާއިއުކޮށް، އެއާ އެއްގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.

ނަމަވެސް، ޕާޓީގެ އިދާރާއިން އެ ނިންމުމަށް އަމަލުކޮށްފައި ނުވަނީ ގަޕޯގެ ސީދާ ނުފޫޒުގެ ސަބަބުން ކަމަށް ނަން ހާމަ ނުކުރުމަށް އެދި 'ވިރާސީ' އަށް މައުލޫމާތުދިން މީހަކު ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ޕާޓީގެ އެތެރޭގެ މަސްލަހަތު ގޯސްވެ، އަސާސީ ގަވާއިދުން މަތިކޮށްފައިވާ ޒިންމާތަކަށް ހުރަސް އެޅެމުންދާ ކަމުގެ ކަންބޮޑުވުން މެންބަރުންގެ މެދުގައި ވަނީ އުފެދިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0