ޚަބަރު , ސިޔާސީ

ފަލަސްތީނު މީހުންނާއި މުސްލިމުންނަށް ރައްވެހިކަން ދޭން ރައީސް ނަޝީދު ގޮވާލައްވައިފި

2 މޭ 2026 - 19:46
 1
ފަލަސްތީނު މީހުންނާއި މުސްލިމުންނަށް ރައްވެހިކަން ދޭން ރައީސް ނަޝީދު ގޮވާލައްވައިފި

ފަލަސްތީނުގެ ރައްޔިތުންނާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ މުސްލިމް ރެފިއުޖީންނަށް ރާއްޖޭގެ ރައްވެހިކަން ދިނުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ "ބޮޑު ބަދަލު" ކިޔައިދިނުމަށް މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ތ. ކިނބިދޫގައި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އާބާދީއާއި ތަރައްގީއާ ގުޅޭގޮތުން ތަފާތު ވިސްނުންތަކެއް ހިއްސާކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ދިވެއްސަކަށް ވުމަށްޓަކައި ހުންނަންޖެހޭ ޝަރުތުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. "އެ ޝަރުތުތައް ހަމަވާ ބޭރު މީހުން ރާއްޖެއަށް ގެންނަންވީ ނޫންތޯ ދިވެހި ރައްޔިތުކަން ދީފައި؟" އެމަނިކުފާނު ސުވާލު ކުރެއްވިއެވެ. މިސާލެއްގެ ގޮތުން އޮސްޓްރޭލިއާއިން 2009 ވަނަ އަހަރު 5 މިލިއަން މީހުން ބޭނުންވާނެ ކަމަށް އިއުލާންކޮށް، އޭޝިއާގެ އެންމެ މޮޅު މީހުން ގެންގޮސްގެން މަދު އަހަރުތަކެއްގެ ތެރޭގައި އެ އަދަދު ހަމަކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

1953 ވަނަ އަހަރުގެ ރެފިއުޖީ ކޮންވެންޝަންގައި ރާއްޖެއިން ބައިވެރިވެފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ތައުލީމީ މީހުންނަށް ރައްވެހިކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް ފަލަސްތީނުގެ އިތުރުން މެދުއިރުމައްޗާއި އެފްރިކާގެ ރެފިއުޖީ ކޭމްޕްތަކުގައި ވަންނާނެ ތަނެއް ނެތިފައި ތިބި މޮޅު މުސްލިމުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ "ބޮޑު ބަދަލު" ގެ ވާހަކަ ދައްކާއިރު، މިފަދަ ކަންކަމުގައި ތަންކޮޅެއް ފުޅާ ވިސްނުމެއްގައި ވާހަކަދައްކަން ބޭނުންވާ ކަމަށެވެ. މިއީ ރާއްޖޭގެ ކުރިމަގަށްޓަކައި ގެންނަންޖެހޭ މުހިންމު ބަދަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0