ގަވާއިދުން ހާމަކުރަމުންދާ މާލީ މައުލޫމާތުތައް ހާމަކުރާނެކަމަށް ބުނުމުން މީކާއީލް ހޫނުފެނަށް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިޚާބުވެއްޖެނަމަ ފުރަތަމަ އަމާޒަކީ ޕާޓީގެ ފައިސާގެ ތަފްސީލު އާންމު މެންބަރުންނަށް ހާމަކުރުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވުމާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވުމާއި ގުޅިގެން ޕާޓީގެ އާންމު މެންބަރުންނާއި ބައެއް އިސް ބޭފުޅުންވެސް ވަނީ ޕާޓީގެ މާލީ ރިޕޯޓުތަކަކީ މިހާރުވެސް އާންމުކޮށް ފެންނަން ހުރި ތަފްސީލުތަކެއްކަން ފާހަގަކުރައްވާފައެވެ.
"އިތުބާރު ސައްލާ" ގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ ޕާޓީއަށް ލިބޭ ފައިސާއަށް ވާގޮތް އާންމު މެންބަރުންނަށް އެނގެން ޖެހޭނެ ކަމަށެވެ. "މި ޕާޓީއަކީ ވަކި މީހެއްގެ އެއްޗެއް ނޫނެއްނު. ޕާޓީއަކީ މަތީ ފަޑީގައި ތިބޭ ޗެއާޕާސަނާއި ޑެޕިއުޓީންނާއި ރައީސާއި ނައިބު ރައީސް، އެއީ މިމީހުންގެ އެއްޗެއް ނޫނެއްނު. ޕާޓީއަކީ އާންމު މެމްބަރުންގެ ޕާޓީ،" މީކާއީލް ވިދާޅުވިއެވެ.
މީކާއީލްގެ މި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވެސް ވަނީ މީކާއީލަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ފުރަތަމަ އަމާޒަކަށް ހަދަންވީ ޕާޓީން އާންމުކުރާ ތަކެތި ބަލާލަން ވަގުތު ހޯދުން ކަމަށެވެ. "އެމްޑީޕީ އަކީ ޕާޓީއަށް ލިބޭ ފައިސާ ކުރާ ހަރަދު ގަވާއިދުން އޮޑިޓްކޮށް އާންމުކުރާ ޕާޓީއެއް،" އިބުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެކްސްގައި މީކާއީލަށް ރައްދު ދެއްވާފައެވެ. ފައްޔާޒު ވިދާޅުވީ ޕާޓީގެ މާލީ މައުލޫމާތުތައް މިހާރުވެސް ބައްލަވާލެއްވުމަށެވެ. އެމްޑީޕީގެ ވެބްސައިޓުގައި 2008 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ހުރިހާ އަހަރެއްގެ އޮޑިޓެޑް ފައިނޭންޝިއަލް ރިޕޯޓުތައް ވަނީ ޝާއިއުކޮށްފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު މީކާއީލުގެ އިތުރުން މި މަގާމަށް ވާދަކުރަނީ ކުރީގެ ރައީސް ނަޝީދެވެ.






ރިއެކްޓް