އިންތިހާބު ބާއްވަން އެމްޑީޕީގެ އެކްޓިވިސްޓުން ފަންޑްރައިސް ކުރަނީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުތައް ބޭއްވުމަށް ބޭނުންވާ ފައިސާ ނެތް ކަމަށް ބުނެ، އެ އިންތިހާބުތައް ފަސްކުރުމަށް ޕާޓީގެ ތެރޭގައި މަޝްވަރާ ކުރެވެމުންދަނިކޮށް، އިންތިހާބު ބޭއްވުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެ ޕާޓީގެ އެކްޓިވިސްޓުން އިސްނަގައިގެން ފަންޑުރައިސް ކުރަން ފަށައިފިއެވެ.
Loading tweet content... View original tweet
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި މިރޭ ފެށި މި ފަންޑުރައިސް ހަރަކާތުގައި ގިނަ އަދަދެއްގެ އެކްޓިވިސްޓުން ދަނީ ބައިވެރިވަމުންނެވެ. މި ހަރަކާތުގެ ދަށުން އެމްޑީޕީގެ ރަސްމީ އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު، އެ ފައިސާ ޖަމާކުރިކަމުގެ ސްލިޕްތައް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އާންމުކުރަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ހަރަކާތުގައި ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުންވެސް ބައިވެރިވަމުންދެއެވެ.
މި ފަންޑުރައިސް ހަރަކާތް ފަށާފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޢަފޫރު މޫސާ (ގަޕޯ) ފޮނުއްވި މެސެޖަކާ ގުޅިގެންނެވެ. އެ މެސެޖުގައި އޭނާ ވިދާޅުވެފައިވަނީ، ޗެއާޕާސަން އިންތިހާބާއި ދާއިރާތަކުގެ އިންތިހާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
އެހެންކަމުން އެ އިންތިހާބުތައް ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް ހުށަހަޅާފައިވަނިކޮށް، އެކްޓިވިސްޓުން ބުނަމުންދަނީ ކޮންމެހެންވެސް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ. އަދި ފައިސާ ނެތް ކަމަށް ބުނާ ބުނުމަކީ އިންތިހާބު ފަސްކުރަން ދައްކާ އުޒުރެއް ކަމަށް ބުނެ، އެކްޓިވިސްޓުން ދަނީ އަމިއްލައަށް އިސްނަގައިގެން ފައިސާ އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.






ރިއެކްޓް