ޚަބަރު , ސިޔާސީ

ސަރުކާރުން އިސްނަގައިގެން ހިނގާލުމެއް ބޭއްވީ ޖައްސާލުމަށް: އެމްޓީޔޫސީ

1 މޭ 2026 - 23:22
ސަރުކާރުން އިސްނަގައިގެން ހިނގާލުމެއް ބޭއްވީ ޖައްސާލުމަށް: އެމްޓީޔޫސީ

މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ޖަމިއްޔާތަކާ ވަކިން ސަރުކާރުން އިސްނަގައިގެން ހިނގާލުމެއް ބޭއްވުމަކީ މަސައްކަތްތެރިންގެ ހައްގުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާ "ޖައްސާލަން" ކުރި ކަމެއް ކަމަށް ބުނެ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކޮންމެ އަހަރަކުވެސް މެއި މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ ހިނގާލުންތައް އާންމުކޮށް އިންތިޒާމުކުރަނީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުންނެވެ.

މިދިޔަ އަހަރުތަކާ ހިލާފަށް، މިއަހަރު ފުރަތަމަ ފަހަރަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ އިސްނެގުމުގެ މަތިން ސަރުކާރުން ވަނީ މާލޭގެ މަގުތަކުގައި ވަކި ހިނގާލުމެއް ބާއްވާފައެވެ.

މި ހިނގާލުމުގައި ބައިވެރިވެވަޑައިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ސަރުކާރުން މިފަދަ ހަރަކާތެއް ބޭއްވުމުގެ މަގްސަދަކީ މަސައްކަތްތެރިންގެ އަގުވަޒަންކުރުމާއެކު، އެމީހުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ގާތުން އަޑުއަހައި އެކަންކަމަށް ހައްލު ހޯދައިދިނުން ކަމަށެވެ.

ނަމަވެސް އެމްޓީޔޫސީން ވަނީ ސަރުކާރުގެ މި އަމަލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ މަސައްކަތްތެރިންގެ ރެލީ ނިމިގެންދިޔައީ ބައެއް ފަރާތްތަކަށް އަނިޔާވެސް ލިބިގެން ކަމަށާއި، މިފަހަރު ސަރުކާރުން ވަކި ހިނގާލުމެއް ބޭއްވީ ޔޫނިއަންތަކާ ޖައްސާލުމަށް ނުވަތަ ހަގީގަތް އޮޅުވާލައި އެހެން މަންޒަރެއް ދެއްކުމަށް ކަމަށް ތުހުމަތުކޮށްފައެވެ.

ސަރުކާރުގެ ހިނގާލުމުގެ އިތުރުން، އެމްޓީޔޫސީގެ ދަށުގައި ހިމެނޭ ޖަމިއްޔާތަކުން އިސްނަގައިގެންވެސް މިއަދު ވަނީ މަސައްކަތްތެރިންގެ ދުވަހުގެ ހިނގާލުން ކުރިއަށް ގެންގޮސްފައެވެ. އެމްޓީޔޫސީން ބުނީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރުމުގައި އެ ޖަމިއްޔާތަކުން އަބަދުވެސް ދެމިތިބޭނެ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0