ސިޔާސީ , ޚަބަރު

ފާޑުކިޔުން އަމާޒުވެ އިންތިހާބު ފަސްނުކުރަން މީކާއީލް ގޮވާލައިފި

1 މޭ 2026 - 23:11
ފާޑުކިޔުން އަމާޒުވެ އިންތިހާބު ފަސްނުކުރަން މީކާއީލް ގޮވާލައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުތައް ފަސްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ފާޑުކިޔުން އަމާޒުވެ، އެ އިންތިހާބުތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް މިރޭ ގޮވާލައްވައިފިއެވެ.

އެތެރޭގެ އިންތިހާބު ލަސްކުރާތީ ޕާޓިގެ އާންމު މެމްބަރުންގެ ފާޑުކިޔުން ވަނީ މިހާރުގެ ލީޑާޝިޕާއި މީކާއީލުގެ އިތުބާރު ޓިމަށް އަމާޒުވެފައެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ލަސްކުރަން އުޅޭ އުޅުމާ ގުޅިގެން މީކާއީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބު ފަސްކުރުމަކީ އޭނާވެސް އަދި ޕާޓީގެ އެއްވެސް މެންބަރެއްވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަންޖެހޭނެ ކަމަށް އޭނާ ބާރުއެޅުއްވިއެވެ.

"ވަކި ބަޔަކަށް ފައިދާވާގޮތަށް އިންތިހާބާ ނުކުޅުއްވާ، ކޮމިޓީއިން ނިންމާފައިވާ ނިންމުމަށް އިހްތިރާމް ކުރައްވާ. އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މިތިބީ އިންތިހާބަށް ފުރިހަމައަށް ތައްޔާރަށް،"މީކާއީލްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މީކާއީލް މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޢަފޫރު މޫސާ (ގަޕޯ) ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި، ޕާޓީގެ އެތެރޭގެ އިންތިހާބުތައް ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

އިންތިހާބު ފަސްކުރަން ހުށަހެޅި އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ގަޕޯ ފާހަގަކުރައްވާފައިވަނީ ޕާޓީއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމެވެ. މިއަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ލިބިފައި ނުވާތީ، އިންތިހާބު ބާއްވާނެ ފައިސާ ޕާޓީގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މިވަގުތު އިންތިހާބު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް ހުރަސް އެޅިދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ގަޕޯ ވަނީ އިންތިހާބު ފަސްކުރުމުގެ އިތުރުން، ޕާޓީ ހިންގުމަށްޓަކައި 'އިންޓަރީމް އެރޭންޖްމަންޓެއް' ނުވަތަ ވަގުތީ އިންތިޒާމެއްގެ ދަށުން ކުރިއަށް ދިއުމަށް ހުށަހަޅާފައެވެ. ނަމަވެސް އެ އިންތިޒާމުގައި އޭނާ ނުހިމަނައި ކުރިއަށް ދިއުމަށް އެދިވަޑައިގެން، މި ހުށަހެޅުން ގައުމީ މަޖިލީހުން ފާސްކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0