މަސައްކަތްތެރިންގެ ހައްގު ހޯދައިދިނުމުގައި ސަރުކާރު ވަނީ ނާކާމިޔާބުވެފައި: ފައްޔާޒް
ދިވެހި މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމުގައި ސަރުކާރު ނާކާމިޔާބުވެފައިވާ ކަމަށް ކުރީގެ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މޭޑޭއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ހަމަހަމަ ގައުމެއް ބިނާކުރުމުގެ މައިގަނޑު އަސާސަކީ މަސައްކަތްތެރިން ކަމުގައިވީ ނަމަވެސް، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ފަދަ މާހައުލެއް ގާއިމުކޮށްދިނުމަށް މިހާރުގެ ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ.
ދައުލަތުން ކުރާ ބޭކާރު އަދި އުފެއްދުންތެރިކަމެއް ނެތް ހަރަދުތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލި، އިންފްލޭޝަން އިތުރުވަމުންދާއިރު، މުސާރަތައް އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން އާންމު ރައްޔިތުންނަށް އުފުލަންޖެހޭ ތަކްލީފުތައް އިތުރުވަމުންދާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ސިޔާސީ މަގާމުތަކާއި ސަރުކާރުން އައްޔަންކުރާ ވަޒީފާތައް އިތުރުވަމުންދާ ދިއުމަށް ފާޑުވިދާޅުވަމުން ފައްޔާޒު ތުހުމަތުކުރެއްވި ގޮތުގައި، ގާބިލުކަމަށްވުރެ ބޮޑަށް އިސްކަންދެނީ ސިޔާސީ ވަފާތެރިކަމަށެވެ.
ގައުމު މިހާރު މިސްރާބު ޖަހާފައިވަނީ މާލީ އަދި އަހުލާގީ ހީނަރުކަމަކާ ދިމާލަށް ކަމަށް އިންޒާރު ދެއްވަމުން، މަސައްކަތްތެރިންނާއި މުޅި އިގްތިސާދަށް ގެއްލުންވާ ފަދަ ސިޔާސަތުތަކަށް ރައީސް މުއިއްޒުގެ ސަރުކާރު ޒިންމާދާރުކުރުވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.






ރިއެކްޓް