ފައިސާ ނެތިގެން އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކުރަން ހުށަހަޅަނީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުތައް ބޭއްވުމަށް ބޭނުންވާ ފައިސާ ނެތް ކަމަށް ބުނެ، އެ އިންތިހާބުތައް ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް އެ ޕާޓީގެ ތެރޭގައި ހުށަހެޅުމެއް ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޢަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، ސީޕީ އިންތިހާބާއި ދާއިރާތަކުގެ އިންތިހާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
މި ހުށަހެޅުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މާލީ ދަތިކަމެވެ.
"މިއަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައި ނުވާތީ ޕާޓީ ހިންގުމަށާއި އިންތިހާބް ބާއްވާނެ އެއްވެސް ފައިސާ އެއް ޕާޓީ އަކުނެތެވެ،" ގަޕޯ ފޮނުއްވި މެސެޖުގައި ބުނެފައިވެއެވެ.
އިންތިހާބު ފަސްކުރުމުގެ އިތުރުން، ޕާޓީ ހިންގުމަށްޓަކައި އިސް ފަރާތްތަކުން މަޝްވަރާކޮށްގެން 'އިންޓަރީމް އެރޭންޖްމަންޓެއް' ނުވަތަ ވަގުތީ އިންތިޒާމެއްގެ ދަށުން ކުރިއަށް ދިއުމަށްވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ އިންތިޒާމުގައި އޭނާ ނުހިމަނައި ކުރިއަށް ދިޔުމަށް ވަނީ އެދިވަޑައިގެންފައެވެ.
މި ހުށަހެޅުމަކީ ޕާޓީގެ ކުރިމަގަށް މުހިންމު ކަމެއް ކަމަށް ބަލައި، އެކަން ގައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށްވެސް ގަޕޯ ވަނީ އެދިވަޑައިގެންފައެވެ.
ރިއެކްޓް
ރަނގަޅު
1
ސަކަރާތް
1
ލޯބި
0
މަޖާ
1





