ސިޔާސީ , ޚަބަރު

ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މައްސަލަތައް ބޭރުކޮށްލައިފި

1 މޭ 2026 - 18:22
ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މައްސަލަތައް ބޭރުކޮށްލައިފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން އެމްޑީޕީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާގެ ހަ މައްސަލައެއް ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފިއެވެ. ހައިކޯޓުން މި މައްސަލަތައް ބޭރުކޮށްލާފައިވަނީ، އިލެކްޝަންސް ކޮމިޝަނުގެ ނިންމުންތައް ގާނޫނާ ހިލާފުވާ ސަބަބެއް ސާފުކޮށް ބަޔާންކޮށްދެވިފައި ނުވާތީ ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.

މި މައްސަލަތަކަކީ އެކި ރަށްރަށާއި ސަރަހައްދުތަކުގައި ބެހެއްޓި ވޯޓު ފޮށިތަކެއް ގުނުމުގައި އިންތިޚާބީ ގާނޫނާ ހިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ، އެ ފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަތަކެކެވެ. މީގެ ތެރޭގައި ހިމެނެނީ ގއ. ކޮލަމާފުށި، ހުޅުމާލެ، މާލެ، ރ. މަޑުއްވަތި އަދި އއ. މަތިވެރީގައި ބެހެއްޓި ފޮށިތަކެވެ.

އެމްޑީޕީން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި، ސައްހަ ވޯޓުތަކެއް ބާތިލް ވޯޓުގެ ގޮތުގައި ކަނޑައެޅުމާއި، ވޯޓު ގުނުމުގެ އިޖުރާއާތުތައް ގޯސްކޮށް ދިޔުމުގެ ޝަކުވާތައް ހިމެނެއެވެ. މީގެ އިތުރުން ބައެއް ފޮށިތައް އެކުވެގެން ގުނުމުގެ ސަބަބުން ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ސާފު އަދަދު އެނގެން ނެތް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަކިވަކި ރަށްތަކަށް ބަލާއިރު، އއ. މަތިވެރީގައި ވޯޓު ގުނި މޭޒު ދުރުގައި ހުރުމާއި، އޮފިޝަލަކަށް ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ގުނުމުގެ ތެރޭގައި އޮޅުންތަކެއް އަރާފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ޝަކުވާ ހުށަހެޅި ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ބާތިލް ވޯޓުތައް އަލުން ބަލައިފިނަމަ ކެންޑިޑޭޓުންގެ މެދުގައިވާ ކުޑަ ފަރަގުގެ ސަބަބުން ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ.

މި މައްސަލަތައް އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުމުން، އެ ކޮމިޝަނުން ނިންމާފައިވަނީ މައްސަލަ ބަލައިގަނެވޭނެ އެކަށީގެންވާ ހެކި ނެތް ކަމަށެވެ. އަދި ވޯޓުގެ ފަރަގު ބޮޑުވުމުން، ޝަކުވާގައިވާ ކަންކަމުގެ ސަބަބުން އިންތިހާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް ބުނެ ކޮމިޝަނުން ވަނީ އެ މައްސަލަތައް ބޭރުކޮށްލާފައެވެ.

ހައިކޯޓުގެ ރަޖިސްޓްރާ މި މައްސަލަތައް ބަލައިނުގަތުމަށް ނިންމެވި ނަމަވެސް، އެ ނިންމެވުން މުރާޖައާ ކުރުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ގާނޫނީގޮތުން އެމްޑީޕީއަށް އަދި އޮންނާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0