ސިޔާސީ , ޚަބަރު

ހިތަދޫ ބައި އިލެކްޝަންގެ މައްސަލަ ހޫނުވެފައި ވަނިކޮށް އިލެކްޝަންސްގެ ރައީސް އިސްތިއުފާދީފި

1 މޭ 2026 - 16:47
ހިތަދޫ ބައި އިލެކްޝަންގެ މައްސަލަ ހޫނުވެފައި ވަނިކޮށް އިލެކްޝަންސްގެ ރައީސް އިސްތިއުފާދީފި

ހިތަދޫ ބައި އިލެކްޝަންގެ މައްސަލަ ހޫނުވެ، އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، އެ ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޒާހިދު މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

ޒާހިދު އިސްތިއުފާ ދެއްވާފައި މިވަނީ، އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހިތަދޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ކޮމިޝަނަށް އަމާޒުވެފައިވާ ވަގުތެއްގައެވެ. ކުރިން މި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާގޮތަށް އޮތީ އޭޕްރީލް 14 ވަނަ ދުވަހަށެވެ. ނަމަވެސް، ކޮމިޝަނުން ވަނީ އެ މުއްދަތު 02 މޭ 2026 ވާ ހޮނިހިރު ދުވަހުގެ 15:00 އާ ހަމައަށް އިތުރުކޮށްފައެވެ.

އިލެކްޝަނުން މުއްދަތު އިތުރު ކުރުމާއެކު ޕީއެންސީން ވަނީ އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓް އަދި ކުރީގެ މެމްބަރު ސިނާންގެ ޓިކެޓު އެ ޕްރައިމަރީން ބަލިވި ކެންޑިޑޭޓު ސައީދަށް ދީފައެވެ.

މިކަމާއި ގުޅިގެން ސިނާން ސަރުކާރުގެ އިސް އެކި ފަރާތްތަކަށް މެސެޖުކޮށް ނުރުހުން ފާޅުކޮށްފައިވާ ކަމަށް "ވިރާސީ"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި މުއްދަތު އިތުރުކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ ވަކި ކެންޑިޑޭޓަކަށް ޓިކެޓު ދިނުމަށް އެއްބަސްވަންދެން ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި މި އިންތިހާބާ ގުޅިގެން ސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކާއި އާންމުން ދަނީ ތުހުމަތު ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް ޒާހިދު އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވިއިރު، ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ރައީސް ހިމެނޭހެން ފަސް ބޭފުޅުން ތިއްބަވައެވެ. ނަމަވެސް، އޭނާ އިސްތިއުފާ ދެއްވި ސީދާ ސަބަބާ ގުޅޭގޮތުން ކޮމިޝަނުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމަކީ ކުރިއަށް އޮތް ބައި އިލެކްޝަނާ މެދު އޮތް އިތުބާރު ކުޑަވެ، ސިޔާސީ މަޝްރަހު އިތުރަށް ހޫނުވެގެންދާނެ ކަމެއް ކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ބޭފުޅުން ބުނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0