ހުދުމުހުތާރު ވެރިން ބޭނުންވާނީ ނޫސްވެރިންގެ އަނގަ ބަންދުކުރަން: ފައްޔާޒު
ނޫސްވެރިން ލިޔާ ހަބަރެއްގެ ސަބަބުން ޖިނާއީ އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ. ފައްޔާޒު މިހެން ވިދާޅުވީ ސަންގު ޓީވީގެ 11 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
ސަންގު ޓީވީގެ ހަފްލާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ މިއީ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން މައުލޫމާތު ހޯދުމަށް އެންމެ ބޮޑަށް ގޮންޖެހުން ކުރިމަތިވަމުން އަންނަ ދުވަސްތައް ކަމަށް ފާހަގަކުރައްވާފަ އެވެ. އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވީ "އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ ދޮގު ހެދި ކަމުގައި ވިޔަސް، ތެދު ހެދި ކަމުގައިވިޔަސް، ނޫސްވެރިންނާ ދޭތެރޭ ޖިނާއީ ފިޔަވަޅު އެޅިގެން ނުވާނެ ކަމަށް" ކަމަށެވެ.
ދޮގު ހަބަރު ފެތުރުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ޑިމޮކްރަސީ ހިމާޔަތްކޮށް ހުދުމުހުތާރު ވެރިންގެ ކިބައިން ރައްޔިތުން ސަލާމަތް ކުރުމަށް ނޫސްވެރިންނަށް ތަންމިނަށް ޖާގަ ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ފައްޔާޒު އިތުރަށް ވިދާޅުވީ ތެދު ހެދިޔަސް ގާނޫނުތަކެއް ބޭނުންކޮށްގެން ހުދުމުހުތާރު ވެރިން އަބަދުވެސް ބޭނުންވާނީ ނޫސްވެރިންގެ އަނގަ ބަންދުކުރަން ކަމަށެވެ.
"ހަމަ އެހާމެ މުހިންމު ކަމެއް ތެދު ހަބަރު ފެތުރުމަކީ ވެސް، އެކަން ކުރާނީ ނޫސްވެރިން، ސިވިލް ސޮސައިޓީގެ ފަރާތުން، ސަރުކާރު ނުކުމެ ކްރިމިނަލް ދައުވާ އުފުލައިގެނެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ވެރިކަން ކުރަން އަންނަ މީހެއްގެ ވިސްނުމާއި ފިކުރު ހުންނަ ގޮތަކުން ނޫސްވެރިކަމަށް ވަރަށް ބޮޑަށް އަސަރުކުރެ އެވެ.
ރާއްޖޭގައި އޮތް މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމުގެ ގޮތުން ދައުލަތުގެ އިދާރާތައް މެދުވެރިކޮށް މިސަރުކާރުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިކުރަމުންދާ ކަމަށް ފައްޔާޒު ތުހުމަތު ކުރެއްވި އެވެ.






ރިއެކްޓް