ސިޔާސީ , ޚަބަރު

ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރުނީ ހަމައެކަނި ތިން މިނިސްޓަރަކަށް ވޯޓުނުދޭން: ގަޕޯ

30 އޭޕްރީލް 2026 - 23:30
ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރުނީ ހަމައެކަނި ތިން މިނިސްޓަރަކަށް ވޯޓުނުދޭން: ގަޕޯ

ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި، އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވާފައިވަނީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ އެއްގޮތަށް، 3 މިނިސްޓަރަކަށް ވޯޓުނުދޭން އެކަނި ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

ޕީޖީ ގުރޫޕުން ރުހުން ނުދޭން ވިޕެއް ނެރެފައި ވަނީ އިކޮނޮމިކް މިނިސްޓަރ ސައީދާއި، އާރޓްސް މިނިސްޓަރ ހީނާ ވަލީދުގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރ އަލީ ޝަރީފަށެވެ. 

މިކަމާ ގުޅޭގޮތުން "ވިރާސީ"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގަފޫރު ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަޝިޕުން ނިންމާފައިވާ ގޮތާ ޚިލާފަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވާނެ ކަމަށެވެ. "އެތަނުގަ ޕާލިމެންޓް ގްރޫޕް ލީޑަރު އިނގޭތޯ އިސްކޮށް ހުންނަވާނީ، އެ ވޯޓިންގަ، އެމްޑީޕީގެ ވިޕްލޭނާ ޚިލާފަކަށް ވޯޓަށް ދީފަކާ ނޯންނާނެ،" ގަފޫރު ވިދާޅުވިއެވެ.

ގަފޫރު އިތުރަށް ތަފްސީލް ކޮށްދެއްވި ގޮތުގައި، އެމްޑީޕީން ތްރީލައިން ވިޕެއް ނެރުނީ ތިން ވަޒީރަކަށް ރުހުން ނުދިނުމަށެވެ. އެހެންކަމުން، އެ ތިން ވަޒީރުން ފިޔަވައި އެހެން ވަޒީރުންނަށް ވޯޓު ދިނުމުގައި މެންބަރުން އަމަލުކޮށްފައިވަނީ އެ މެންބަރަކު އަމިއްލައަށް ބޭނުންވާ ގޮތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ވޯޓުގައި ނުވަ ވަޒީރަކަށް ރުހުން ދިނުމަށް ވޯޓު ދެއްވުމާ ގުޅިގެން، އެކަމުގެ ސަބަބުން މަގާމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވަންތޯ ސުވާލު ކުރުމުން ގަފޫރު ވަނީ އެކަމަށް ސީދާ ޖަވާބެއް ދެއްވަން އިންކާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ "ދައްކާހާ ވާހަކައަކަށް ޖަވާބުދޭން ނުޖެހޭނެ" ކަމަށެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް "ވިރާސީ" އަށް މައުލޫމާތު ދެއްވި އެމްޑީޕީ ޕީޖީ ގުރޫޕު އެހެން މެމްބަރަކުވެސް ވަނީ ޕީޖީ ގުރޫޕުން ވިޕެއް ނެރުނީ 3 މިނިސްޓަރަކަށް ވޯޓު ނުދޭން އެކަނިކަން ކަށަވަރުކޮށްދީފައެވެ.

މި ވޯޓާއި ގުޅިގެން މިއަދު މެންދުރު ފަހުއްސުރެ ޕީޖީ ގުރޫޕު ލީޑަރުގެ ބަހެއް ހޯދުމަށް ވިރާސީން ކުރި މަސައްކަތް ވަނީ އެބޭފުޅާ ފޯނަށް ޖަވާބު ނުދޭތީ ނާކާމިޔާބުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0