ޚަބަރު , ސިޔާސީ

އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލަމްއާން އިސްތިއުފާ ދެއްވައިފި

30 އޭޕްރީލް 2026 - 21:08
އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލަމްއާން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލަމްއާން އެމްއޭސީއެލްގެ މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުގެ އެހެން ކުންފުންޏެއްގެ އިސް މަގާމަކަށް އޭނާ އައްޔަންކުރަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. މި ބަދަލާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން މިހާރު ކުރިއަށްދާ ކަމަށް އެނގިފައިވެ އެވެ.

ލަމްއާން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ދެން ހުންނަވާނީ މުޖުތަބާ ލަތީފް އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނީގެ ޑީއެމްޑީގެ މަގާމަށް ލަމްއާން އައްޔަންކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އެވެ.

މުހައްމަދު ލަމްއާން އަކީ މީގެ ކުރިން ވެސް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހުކޮޅު އޭނާ ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު، ސަރުކާރުން ދަނީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. މިގޮތުން މިފްކޯ، އެމްޕީއެލް، ފެނަކަ އަދި އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތަކުގެ އިސް މަގާމުތަކަށް ވެސް ފަހަކަށް އައިސް ބަދަލުތައް ގެނެސްފައިވެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0