ސިޔާސީ , ޚަބަރު

ވަޒީރުންގެ އިތުބާރުގެ ވޯޓަކީ ޗެއާޕާސަން އިންތިހާބަށް ފައިސާ ހޯދަން ބޭއްވި އިވެންޓެއް: ޖޭމޭ

30 އޭޕްރީލް 2026 - 20:49
ވަޒީރުންގެ އިތުބާރުގެ ވޯޓަކީ ޗެއާޕާސަން އިންތިހާބަށް ފައިސާ ހޯދަން ބޭއްވި އިވެންޓެއް: ޖޭމޭ

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ކުރިއަށްދިޔަ ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަކީ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބަށް ފަންޑު ހޯދުމަށް ބޭއްވި އިވެންޓެއްގެ ގޮތުގައި އެޗްޑީސީގެ ކުރީގެ ޗެއަރޕާސަން މުހައްމަދު ޖައިޝް (ޖޭމޭ) ސިފަކުރައްވައިފިއެވެ.

ޖޭމޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ޕްރައިމަރީ އިންތިޚާބަށް ފަންޑު ރެއިޒްކުރާ އިވެންޓެއްގެ ގޮތަށް ވަޒީރުންގެ އިތުބާރުގެ ވޯޓު ދިޔަކަމީ އެމްޑީޕީގެ މުސްތަގުބަލާ ގުޅޭ ސީރިއަސް މައްސަލައެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަލުން ކެބިނެޓު އެކުލަވާލައްވައި، ވަޒީރުންނަށް ރުހުން ހޯއްދެވުމަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުން ވަނީ ސަރުކާރުގެ ގިނަ ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓު ދެއްވާފައެވެ. މަޖިލީހުގެ އިއްޔެގެ ވޯޓުގައި އެމްޑީޕީގެ މެންބަރުން ރުހުން ނުދޭން ނިންމާފައިވަނީ އެންމެ ތިން ވަޒީރަކަށެވެ. އެއީ އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދާއި، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު އަދި އެންވާރަމެންޓް މިނިސްޓަރު އަލީ ޝަރީފެވެ.

ހޯމް މިނިސްޓަރު އިހުސާނަށް ރުހުން ދިނުމަށް ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ޑރ. އަހުމަދު ޝަމްހީދު، މުހައްމަދު އިބްރާހީމް (ކުޑޫ)، އަބްދުﷲ ޢަފޫރު މޫސާ، މައުރޫފް ޒާކިރު، ހުސައިން ސަމީރު، މުހައްމަދު ނިއުޝާދު، އަހުމަދު ޝާކިރު އަދި އަހުމަދު ދީދީ ހިމެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކެބިނެޓުގެ ބައެއް މުހިންމު ވަޒީރުން ކަމަށްވާ އިސްލާމިކް މިނިސްޓަރު ޝަހީމް، ހެލްތް މިނިސްޓަރު ގީލާ، ފޮރިން މިނިސްޓަރު އިރުތިޝާމް، ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު އަދި ފިޝަރީޒް މިނިސްޓަރު ޝިޔާމަށް އެމްޑީޕީގެ އެއްވެސް މެންބަރަކު ދެކޮޅަށް ވޯޓު ދެއްވާފައެއް ނުވެއެވެ. މިއީ މީގެ ކުރިން އެމްޑީޕީގެ ޕީޖީ ގްރޫޕުން މި ސަރުކާރުގެ ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑުކިޔައި، ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރަމުންދިޔަ ދަނޑިވަޅެއްގައި ފެނިގެންދިޔަ ބަދަލެކެވެ.

އެމްޑީޕީގެ ދާއިމީ ޗެއާޕާސަނަކަށް ދެ ޓީމަކުން ދެ ބޭފުޅަކު ވާދަކުރައްވައެވެ. އެއީ ރައީސް އިބޫގެ ފަހަތުގައި ހުންނަވައިގެން މީކާއީލް ޗެއާޕާސަނަކަށް ވާދަކުރައްވާ "އިތުބާރު" ޓީމާއި، ރައީސް ނަޝީދު ޗެއާޕާސަނަކަށް ވާދަކުރައްވާ ފައްޔާޒުގެ ޓީމެވެ.

ޕީޖީ ގުރޫޕުގެ ހުރިހާ މަޖިލިސް މެމްބަރުން ހޯމަ ދުވަހު ބޭއްވި ޕްރެސްއެއްގައި "އިތުބާރު" ޓީމަށް ތާއީދުކޮށްފައިވާއިރު، ރައީސް ނަޝީދާއި ފައްޔާޒުގެ ޓީމުގައި މިވަގުތު މަޖިލިސް މެމްބަރަކު ނެތްކަން ފާހަގަކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 1
މަޖާ މަޖާ 1