ޕީސީބީގެ ރައީސްގެ މަގާމަށް ނިޒާރު އައްޔަނުކޮށްފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމަށް މއ. ޔެލޯބެލް، މުޙައްމަދު ނިޒާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.
ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ބޯޑުގެ ރައީސްގެ މަގާމަށް މުޙައްމަދު ނިޒާރު އައްޔަންކުރެއްވިކަން އުފަލާއެކު ފާހަގަކުރާ ކަމަށާއި، އާ ރައީސަށް ނުހަނު ހޫނު މަރުޙަބާއެއް ދަންނަވާ ކަމަށެވެ. ނިޒާރު މި މަގާމަށް އައްޔަންކުރައްވާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ގއ. ދެއްވަދޫ ދޭލިޔާގެ، މުޙައްމަދު އަނަސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޕީސީބީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން މުޙައްމަދު އަނަސް އެ ބޯޑަށް ކޮށްދެއްވި އަގުނުކުރެވޭފަދަ ޚިދުމަތްތަކަށް އެ ބޯޑުން ވަނީ ޝުކުރު އަދާކޮށްފައެވެ. ޚާއްޞަކޮށް އޭނާގެ ދައުރުގައި ދެއްވި ހިކުމަތްތެރި އިރުޝާދާއި، ދެއްކެވި މުހިންމު ލީޑަރޝިޕަށްޓަކައި ބޯޑުގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައިވެއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނީ ޒިންމާ އުފުލާ އިދާރާއެވެ.






ރިއެކްޓް