ސިޔާސީ , ޚަބަރު

އިހުސާނަށް ވޯޓުދެއްވީ އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށް: ޝާކިރު

30 އޭޕްރީލް 2026 - 16:51
އިހުސާނަށް ވޯޓުދެއްވީ އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށް: ޝާކިރު

ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ބައެއް ވަޒީރުންނަށް ވޯޓު ދެއްވީ އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު ވިދާޅުވެއްޖެއެވެ.

ޝާކިރު މިހެން ވިދާޅުވީ ވަޒީރުންނަށް ވޯޓު ދެއްވުމާ ގުޅިގެން އާންމުންނާއި އެމްޑީޕީގެ އާންމު މެންބަރުންގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގައި ޝާކިރު ވަނީ 
- ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން، 
- ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު،
- ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން،
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި
- ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ދިނުމަށް ވޯޓު ދެއްވާފައެވެ.

މިކަމާ ގުޅިގެން ޝާކިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "މި ސަރުކާރުގެ ހަލާކަށް ވާނެހައި ބަޔަކު ކެބިނެޓުގައި ތިބުމަކީ މި ޕާޓީ 2028 ގެ ކާމިޔާބީއާ ގާތްކޮށްދޭނެކަމެއް،" ކަމަށެވެ. އަދި މިއީ އަބަދުވެސް ޕާޓީން ގެންގުޅެފައި އޮތް ސިޔާސަތެއް ކަމަށާއި، ވިސްނުންތެރިންނަށް އިޝާރާތަކުން ފުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝާކިރުގެ މި ނިންމުމާ ގުޅިގެން އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވާއިރު، އޭނާ ދިފާއުގައި ވިދާޅުވަމުން ގެންދަވަނީ އެއީ ސިޔާސީ ގޮތުން ޕާޓީއަށް އެންމެ ފައިދާހުރި ގޮތް ކަމަށާއި އާންމު ރައްޔިތުންނަށް ނުވިސްނެނީ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0