ސަރުކާރު ބޭސް ކުންފުނިން ބޭސް ފިހާރަ ހުޅުވަނީ
ސްޓޭޓް ފާމަސޫޓިކަލްސްގެ ޚިދުމަތްތައް ފުޅާކޮށް، މާލެ އާއި ރާއްޖޭގެ އެކި ސިޓީތަކުގައި އެ ކުންފުނީގެ ޚާއްސަ ބޭސް ފިހާރަތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، ސްޓޭޓް ފާމަސޫޓިކަލްސްއާ ހަވާލުކޮށްގެން ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ. އަދި ރައްޔިތުންނަށް ދަތިނުވެ ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އައިޖީއެމްއެޗްގައި ސްޓޭޓް ފާމަސީއެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"އައިޖީއެމްއެޗްގައި އެބަ ހެދޭ ފާމަސީއެއް، އެ ފާމަސީ މެދުވެރިވެގެން، އެކި މީހުންނަށް ބޭނުންވާ ބޭސް، ބޭސް ސިޓީ ދިނީމަ ގެނެސްދޭނެ،" ވަޒީރު ވިދާޅުވިއެވެ. ކުރިން އެސްޓީއޯއިން ކުރަމުން އައި މި މަސައްކަތް ސްޓޭޓް ފާމަށް ބަދަލުވުމާއެކު، މިހާރު އަމާޒު ހިފާފައިވަނީ ބޭސް ސިޓީ ލިބޭތާ 14 ދުވަސް ތެރޭގައި ބޭސް ގެނެސްދިނުމަށެވެ. މީގެ އިތުރުން ބޭނުންވާ މައުލޫމާތު ދިނުމަށް ޚާއްސަ ހޮޓްލައިނެއްވެސް ވަނީ ގާއިމްކޮށްފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްޓޭޓް ފާމާގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށީގައި މި ޚިދުމަތް ގާއިމްކުރެވުމުން ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
ބޭސް ހޯދުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ލިބޭ ގޮތަށް ތައާރަފްކޮށްފައިވާ ހޮޓްލައިން ނަންބަރަކީ 1505 އެވެ. މި އިންތިޒާމްތަކާއެކު މިހާރު ހުރި ދަތިތައް ވަރަށް ބޮޑަށް ހައްލުވެގެންދާނެ ކަމަށް ވަޒީރު ޔަގީންކަން ދެއްވިއެވެ.






ރިއެކްޓް