ސިޔާސީ , ޚަބަރު

ސީދާކޮށްވެސް ނުސީދާކޮށްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވާފައެއް ނުވާނެ: އިހުސާނު

30 އޭޕްރީލް 2026 - 13:37
ސީދާކޮށްވެސް ނުސީދާކޮށްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވާފައެއް ނުވާނެ: އިހުސާނު
މިނިސްޓަރު އިހުސާން

ފުލުހުން ހިންގާ އެއްވެސް ތަހުގީގަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ދީދީ އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

މިނިސްޓަރު އިހުސާނު ވިދާޅުވީ ތަހުގީގުތަކަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިގެން ނުވާތީ އެ ބާރު ބޭނުން ނުކުރައްވާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ތަހުގީގަކަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒު ފޯރުވާފައި ނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ. "އަޅުގަނޑު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަނީ މަނިކުފާނު އުއްތަމަ ފަނޑިޔާރުކަން ކުރެއްވިގޮތަކަށް ނޫން،" ޑރ. އަހުމަދު ދީދީއަށް ރައްދު ދެއްވަމުން އިހުސާނު ވިދާޅުވިއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޖިނާއީ ތަހުގީގު ހިންގުމަށް ގާނޫނުން މަތިކޮށްފައިވާ ފުލުހުންގެ އިދާރާއަކީ ދާޚިލީ ވަޒީރުގެ ބެލުމުގެ ދަށުން ހިނގަމުންދާ މުއައްސަސާއަކަށް ވީނަމަވެސް، އެއްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވުމުގެ ބާރު ވަޒީރަށް ލިބިގެން ނުވާ ކަމަށެވެ.

މީގެ އިތުރުން 'އައިޝާ' ޑޮކިއުމެންޓަރީއާ ގުޅިގެން ހިންގާ ތަހުގީގަކީ ސަރުކާރުގެ ނުފޫޒުން އެއްކިބާވެގެން ހިންގާ މިނިވަން ތަހުގީގަކަށް ހެދުމަށްޓަކައި، އެ މަސައްކަތް ހާއްސަ އިންވެސްޓިގޭޓަރަކާ ހަވާލުކުރަން ޖެހޭ ކަމަށްވެސް ޑރ. އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0