ސިޔާސީ , ޚަބަރު

ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަޑުން ރާއްޖެ 21 ދަރަޖަ ފަހަތަށް

30 އޭޕްރީލް 2026 - 12:37
ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަޑުން ރާއްޖެ 21 ދަރަޖަ ފަހަތަށް

ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އިން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ 108 ވަނައަށް ވެއްޓި ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަޑުން ރާއްޖެ 21 ދަރަޖަ ފަހަތައް ޖެހިއްޖެއެވެ. 

މިއީ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ  2025 ވަނަ އަހަރު ރާއްޖެ އޮތް 104 ވަނައާ އަޅާބަލާއިރު 4 ދަރަޖަ ފަހަތަށް ޖެހުމެކެވެ. މީގެ އިތުރުން ރާއްޖޭގެ ޖުމްލަ ސްކޯވެސް ވަނީ 52.46 އިން 49.23 އަށް ދަށަށް ގޮސްފަ އެވެ.

އަދި މި އިންޑެކްސްގެ މައިގަނޑު މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ ނޫސްވެރިކަމަށް ގިނަ ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފަ އެވެ. ހާއްސަކޮށް ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން (Security Indicator) ހުރި މިންގަނޑުން ރާއްޖެ ވަނީ 56 ވަނަ ދަރަޖައިން 77 ވަނަ ދަރަޖައަށް ވެއްޓި، 21 ދަރަޖަ ފަހަތަށް ޖެހިފަ އެވެ.

ނޫސްވެރިކަމަށް އޮތް އިގްތިސާދީ މާހައުލު (Economic Indicator) ގެ މިންގަނޑުން ރާއްޖެ ވަނީ 118 އިން 157 އަށް ވެއްޓިފަ އެވެ. މިއީ 39 ދަރަޖައިގެ ބޮޑު ވެއްޓުމެކެވެ. މީގެ އިތުރުން ގާނޫނީ އޮނިގަނޑު (Legislative Indicator) ގެ މިންގަނޑު 103 އިން 126 އަށް، 23 ދަރަޖަ ވަނީ ދަށަށް ގޮސްފަ އެވެ. މި ބަދަލުތަކުން ދޭހަވަނީ މީޑިއާތަކަށް މާލީ މިނިވަންކަން ހޯދުމަށް ހުރި ދަތިތަކާއި، މައުލޫމާތު ހޯދުމަށް ހުރި ހުރަސްތައް އިތުރުވެފައިވާ ކަމެވެ.

ސިޔާސީ މާހައުލަށް ބަލާއިރު، އެ މިންގަނޑު ވަނީ 123 އިން 129 އަށް، 6 ދަރަޖަ ފަހަތަށް ޖެހިފަ އެވެ. ނަމަވެސް، ހަމައެކަނި ކުރިއެރުމެއް ފެންނަން އޮތީ އިޖުތިމާއީ މާހައުލު (Social Indicator) އިންނެވެ. އެއީ 133 ވަނަ ދަރަޖައިން 118 ވަނަ ދަރަޖައަށް ލިބުނު 15 ދަރަޖައިގެ ކުރިއެރުމެކެވެ.

މި ތަފާސްހިސާބުތަކުން ސާފުކޮށް ދައްކައިދެނީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތު މިދިޔަ އަހަރެއްހާ ދުވަސްތެރޭ އިތުރަށް ގޯސްވެފައިވާ ކަމެވެ. ހާއްސަކޮށް ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމާއި ނޫސްވެރިކަން ކުރުމަށް ހުރަސްއެޅޭ ގޮތަށް ގާނޫނުތައް ހަރުކަށިވުމަކީ ނޫސްވެރިންނަށް ކުރިމަތިވާ ބޮޑު ކަންބޮޑުވުމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0