އެމްޑީޕީ ޕީޖީ ގްރޫޕްގެ ގިނަ މެންބަރުންގެ އިތުބާރު ޕީއެންސީ މިނިސްޓަރުންނަށް!
ރައީސުލްޖުމްހޫރިއްޔާ އަލުން ކެބިނެޓު އެކުލަވާލައްވައި، ވަޒީރުންނަށް ރުހުން ހޯއްދެވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުން ގިނަ ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަކަމަށް ވޯޓު ދީފި އެވެ.
މަޖިލީހުގެ މިއަދުގެ ވޯޓުގައި އެމްޑީޕީގެ މެންބަރުން ރުހުން ނުދޭން ނިންމާފައިވަނީ އެންމެ ތިން ވަޒީރަކަށެވެ. އެއީ އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދާއި، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު އަދި އެންވާރަމެންޓް މިނިސްޓަރު އަލީ ޝަރީފެވެ. މި ތިން ބޭފުޅުން ފިޔަވައި އެހެން ވަޒީރުންނަށް އެމްޑީޕީގެ ގިނަ މެންބަރުންގެ ތާއީދު ވަނީ ލިބިފަ އެވެ.
ވަކިވަކި ވަޒީރުންނަށް ދިން ވޯޓުގެ ތަފްސީލް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ފިނޭންސް މިނިސްޓަރު ޒަމީރަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވި ނަމަވެސް، އެމްޑީޕީގެ އެހެން ހުރިހާ މެންބަރުން ވަނީ އޭނާއަށް ރުހުން ދިނުމަށް ވޯޓު ދެއްވާފައެވެ.
ހޯމް މިނިސްޓަރު އިހުސާނަށް ރުހުން ނުދޭން ވޯޓު ދެއްވީ މީކާއިލްގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދެވެ. މި ދެ މެންބަރުން ވަނީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އަދި ޓޫރިޒަމް މިނިސްޓަރު އަމީނަށްވެސް ރުހުން ނުދޭން ވޯޓު ދެއްވާފަ އެވެ.
ހައުސިންގް މިނިސްޓަރު މުއްތަލިބަށް ރުހުން ނުދޭން އެމްޑީޕީގެ ފަސް މެންބަރަކު ވޯޓު ދެއްވިއެވެ. އޭގެ ތެރޭގައި ޕީޖީ ލީޑަރު ނާޒިލް އާއި މައުރޫފް ޒަކީ އަދި އަހުމަދު ދީދީ ހިމެނެ އެވެ.
ކެބިނެޓުގެ ބައެއް މުހިންމު ވަޒީރުންނަށް އެމްޑީޕީގެ އެއްވެސް މެންބަރަކު ދެކޮޅަށް ވޯޓު ދެއްވާފައެއް ނުވެ އެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޝަހީމް، ހެލްތް މިނިސްޓަރު ގީލާ، ފޮރިން މިނިސްޓަރު އިރުތިޝާމް، ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު އަދި ފިޝަރީޒް މިނިސްޓަރު ޝިޔާމް ހިމެނެ އެވެ.
މީގެ ކުރިން އެމްޑީޕީގެ ޕީޖީ ގްރޫޕުން މި ސަރުކާރުގެ ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑުކިޔައި، ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރަމުންދިޔަ ނަމަވެސް، މިއަދުގެ ވޯޓުން ފެނިގެންދިޔައީ ގިނަ ވަޒީރުންނަށް އެ ޕާޓީގެ މެންބަރުންގެ އިތުބާރު އޮތް ކަމެވެ. އަދި މިހާރުވެސް އެމްޑީޕީންދަނީ ސިލްސިލާކޮށް ކޮންމެ ރެއަކު މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުންނެވެ.






ރިއެކްޓް