އުމުރު ދުވަހަށް ޖަލަށްލިޔަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒު
ފުލުހަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ފިޔާޒު ވިދާޅުވީ، ރައްޔިތުންނާއި ވިސްލްބްލޯ ކުރާ ފަރާތްތަކުން މައުލޫމާތު ދެނީ ވަރަށް ބޮޑު އިތުބާރަކާ އެކު ކަމަށެވެ. އެހެންކަމުން، އެ މައުލޫމާތުތަކާއި މަސްދަރުތައް ރައްކާތެރިކަމާއެކު ބަލަހައްޓާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. "އަޅުގަނޑުމެން އުމުރު ދުވަހު ޖަލު އޮންނަން ޖެހުނަސް، އަޅުގަނޑުމެން މަސްދަރު ހިމާޔަތްކުރާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން،" ފިޔާޒު ވިދާޅުވިއެވެ.
މި މައްސަލައިގައި ފުލުހުން ވަނީ އަދަދު ނޫހުގެ ސީއީއޯ ފިޔާޒުގެ އިތުރުން އެޑިޓަރު ހަސަން މުހައްމަދު ވެސް ތަހުގީގަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައެވެ. ފުލުހުންގެ ޗިޓުގައި ބުނެފައިވަނީ، 28 މާރިޗު 2024 ގައި "އައިޝާ" ގެ ނަމުގައި ޝާއިރުކުރި ވީޑިއޯ ރިޕޯޓެއްގައި ރައީސުލްޖުމްހޫރިއްޔާ ގަޛުފުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެ މައްސަލައިގެ ތަހުގީގަށް ހާޒިރުވާން އަންގާ ކަމަށެވެ. މި ދެ ބޭފުޅުންވެސް ވަނީ ފުލުހަށް ހާޒިރުވެ ހަނު ހުރުމުގެ ހައްގުގެ ބޭނުން ހިފާފައެވެ.
މި ތަހުގީގުގެ ތެރެއިން ހޯމަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ. މީގެ އިތުރުން، އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުން ވަނީ ފިޔާޒު އާއި ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ. މި މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.
ފިޔާޒު އިތުރަށް ވިދާޅުވީ، އަދަދު ނޫސް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށެވެ. "އަޅުގަނޑުމެން ޖަލަށްލިޔަސް، އަޅުގަނޑުމެން ޓީމު ޖަލަށްލިޔަސް އަޅުގަނޑުމެން މަސްދަރެއް ހާމައެއް ނުކުރާނަން،" އޭނާ ވިދާޅުވިއެވެ. އަދިވެސް އިތުރު މައުލޫމާތުތައް ހިއްސާކުރަމުން ގެންދިއުމަށް އޭނާ ވަނީ މަސްދަރުތަކަށް ގޮވާލާފައެވެ.
މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށާފައިވަނީ، އެ ޑޮކިއުމެންޓްރީގައި ކުރި ތުހުމަތުތަކާ ގުޅިގެން ރައީސް މުއިއްޒުއާ ސުވާލުކުރުމުން، އެމަނިކުފާނު އެ ތުހުމަތުތައް ދޮގުކުރައްވައި، އެ މައްސަލައިގައި ދައުވާކުރާނެ ކަމަށް ވިދާޅުވި ހިސާބުންނެވެ.






ރިއެކްޓް