ސިޔާސީ , ޚަބަރު

ގޮނޑި ގެއްލޭ އިސްލާހު: ސްޕްރީމް ކޯޓުގެ ނިންމުމަށް ޑރ. ޑީޑީ ފާޑުވިދާޅުވެއްޖެ

29 އޭޕްރީލް 2026 - 16:56
ގޮނޑި ގެއްލޭ އިސްލާހު: ސްޕްރީމް ކޯޓުގެ ނިންމުމަށް ޑރ. ޑީޑީ ފާޑުވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފްލޯ ކްރޮސްކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއަކާ ގުޅިއްޖެ ނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ބުނެ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑރ. ޑީޑީ) އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޑރ. ޑީޑީ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ މިއަދުގެ މި ހުކުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ސަރީހަ ނައްސުތަކާއި، ގާނޫނުއަސާސީއިން އިސްތިޚްލާޞްކުރެވޭ ދުސްތޫރީ އާންމު މަބްދައުތަކާ ހިލާފަށް ނިންމާފައިވާ ހުކުމެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ގާނޫނުއަސާސީގެ 68 ވަނަ މާއްދާއަށް އެއްވެސް މިންވަރަކަށް ރިއާޔަތްކުރުމެއް ނެތި މި ހުކުމް ނެރެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމެވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ ބާތިލު އިސްލާހެއް ކަމަށް ކަނޑައެޅޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ، މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް މި އިސްލާހު ތަތުބީގު ނުކުރެވޭނެ ކަމަށް ކަނޑައެޅޭނެ ގާނޫނީ އަސާސެއް ވެސް ނެތް ކަމަށެވެ.

މި މައްސަލައިގައި ހިލާފު ރައުޔެއް ނެރުއްވި ހަމައެކަނި ފަނޑިޔާރު، އައިޝާ ސުޖޫން މުހައްމަދުގެ ރައުޔަށް ތާއީދުކުރައްވަމުން ޑރ. ޑީޑީ ވިދާޅުވީ، ފަނޑިޔާރު ސުޖޫންގެ ތަފާތުވި ރައުޔުގައި ހިމެނިގެންވާ ގާނޫނީ ނުކުތާތަކަކީ ވަކިފަރާތަކަށް ބުރަނުވެ ވިސްނާ ކޮންމެ މީހަކަށްވެސް އުނދަގުލަކާ ނުލައި ވިސްނޭނެ ނުކުތާތަކެއް ކަމަށެވެ. ފަނޑިޔާރު ސުޖޫންގެ ރައުޔުގައި ވަނީ މިއީ ރައްޔިތުން ކުޅިވަރެއް ކުޅެމުން ދަނިކޮށް، އެއްވެސް މަޝްވަރާއެއް ނެތި ކުޅުމުގެ މެދުތެރެއިން ގަވާއިދު ބަދަލުކުރުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ މިއަހަރުގެ ކުރީކޮޅުގަ އެވެ. މި މައްސަލަ ކޯޓުގައި ހިނގަމުން ދިޔަ ދުވަސްވަރު ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ފިޔަވަޅު އަޅައި، ބައެއް ބޭފުޅުން މަގާމުން ވަކިކޮށްފައިވާކަން ފާހަގަކުރެވެ އެވެ. މިއަދުގެ ހުކުމާއެކު، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް އޮތް މާއްދާ ދެމިއޮންނާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 0
މަޖާ މަޖާ 0