ސިޔާސީ , ޚަބަރު

ޕީއެންސީ ހިތަދޫ އުތުރު ޓިކެޓު ޕްރައިމަރީން ބަލިވި ސައީދަށް ދީފި

29 އޭޕްރީލް 2026 - 16:44
ޕީއެންސީ ހިތަދޫ އުތުރު ޓިކެޓު ޕްރައިމަރީން ބަލިވި ސައީދަށް ދީފި
ފޮޓޯ، ޕީއެންސީ: ފޭސްބުކް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓް، އެ ދާއިރާގެ ޕްރައިމަރީން ބަލިވި އަހުމަދު ސައީދު (ސޮޑާ) އަށް މިއަދު ދީފިއެވެ. 

މި ޓިކެޓު ސައީދަށް ދީފައިވަނީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މުހައްމަދު ސިނާން ލައްވައި ނަން އަނބުރާ ނެގުމަށްފަހުއެވެ.

ޕީއެންސީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކުރީގެ މެމްބަރު މުހައްމަދު ސިނާން ޓިކެޓު ދޫކޮށްލެއްވުމުން، އެ ފުރުސަތު ސައީދަށް ދޭން ނިންމާފައިވާ ކަމަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި ގިނަ ބައެއްގެ ސަޕޯޓާއެކު މި ފަހަރު ވެސް އެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރާނެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގައި ސިނާން ޓިކެޓު ކާމިޔާބު ކުރެއްވީ 226 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ. ސިނާން ސޯޝަލް މީޑިއާގައި ވިދާޅުވީ، ދާއިރާގެ މީހުންނާ މަޝްވަރާ ކުރުމަށްފަހު، މިފަހަރު ގޮނޑި ކާމިޔާބު ކުރަން އެންމެ ފަހިވާނީ އޭނާ ފަހަތަށް ޖެހި އާ ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެންނާތީ ޓިކެޓު ދޫކޮށްލީ ކަމަށެވެ.

ޓިކެޓާ ހަވާލުވެވަޑައިގަތުމަށްފަހު ސައީދު ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނާ ގުޅިގެން އެ ގޮނޑި ކާމިޔާބު ކުރަން ވަރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ސައީދަކީ މިހާރު ވެސް ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރެވެ. އޭނާ ވަނީ އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ކުޑަ ތަފާތަކުން ނާކާމިޔާބީއާ ކުރިމަތިލާފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ސިނާން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ފައިސާ ނުދެއްކި މައްސަލައިގައި ސުޕްރީމް ކޯޓުން މި މަހުގެ 12 ގައި ކުރި ހުކުމާ ގުޅިގެންނެވެ. މި ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވާ މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ސައީދަށް ޓިކެޓު ދިނުމަށް ސިނާން އެއްބަސްވަންދެން އީސީން ވަނީ ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްދީފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0