ބަދަލުހިފުމަށް ނޫސްވެރިކަން ކުށަކަށް ހެދުން ހުއްޓާލާ: ރިޕޯޓާސް ވިތައުޓް ބޯޑާސް
އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ އެ ނޫހުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ނޫސްވެރިންނަށް ބިރުދައްކަމުން ދަނީ ބަދަލުހިފުމުގެ ގޮތުން ކަމަށާއި ބޭނުމަކީ ނޫސްވެރިކަން ކުށަކަށް ހެދުން ކަމަށާއި މިކަންކަން ވަގުތުން ހުއްޓާލުމަށް ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ސަރުކާރަށް ގޮވާލައިފިއެވެ.
މިކަން އެ ޖަމިއްޔާއިން ހާމަކޮށްފައިވަނީ މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައެވެ.
އެ ޖަމިއްޔާއިން ބުނީ ފުލުހުން އަދަދު ނޫހަށް ވަދެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް، ރައީސް އޮފީހުގައި ކުރިން މަސައްކަތް ކުރި އަންހެން މުވައްޒަފަކު ކުރާ ތުހުމަތުތަކެއްގެ މައްޗަށް ތައްޔާރުކޮށް ޑޮކިއުމެންްޓްރީއެއް ގެނެސްދިނުއްމަފަހު ކަމަށެވެ. މި އަމަލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ގޮތުން ހިންގާ އަމަލެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ސިފަކޮށްފައެވެ.
އާރުއެސްއެފްގެ ބަޔާނުގައި ބުނެފައިވަނީ، "މިއީ ބަދަލު ހިފުމުގެ ގޮތުން ނޫސްވެރިކަން ކުށަކަށް ހެދުން. މިކަން ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ" ކަމަށެވެ. އަދި ފުލުހުން ނޫސް އިދާރާއަށް ވަދެ ބައެއް ތަކެތި ހިފަހައްޓާފައިވާ ކަމަށާއި، އެ ނޫހުގެ އެޑިޓަރ އިން ޗީފް އާއި ސީއީއޯ ރާއްޖޭން ބޭރަށް ފުރުން މަނާކޮށްފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.
ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ މި މައްސަލައިގައި ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާއިރު، ސަރުކާރަށް ފާޑުކިޔާ މީޑިއާތަކަށް އަމާޒުކޮށް މިފަދަ ފިޔަވަޅުތައް އެޅުމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެން ދިޔުންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސްއަކީ ނޫސްވެރިކަމާއި ނޫސްވެރިންގެ ހައްގުގައި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ އެންމެ ބޮޑު އެއް ޖަމިއްޔާއެވެ. ކޮންމެ އަހަރަކު ދުނިޔޭގެ ގައުމުތަކުގެ ނޫސްވެރިކަމުގެ މިނިވަންކަން ހުރި މިންވަރު ބަލައި، ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ތައްޔާރުކުރަނީވެސް މި ޖަމިއްޔާއިންނެވެ.






ރިއެކްޓް