ސިޔާސީ , ޚަބަރު

މުގައްރިރުކަމާއެކު އަސްމާ އަލުން އިޖުތިިމާއީ ކޮމިޓީއަށް

29 އޭޕްރީލް 2026 - 15:28
މުގައްރިރުކަމާއެކު އަސްމާ އަލުން އިޖުތިިމާއީ ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މެންބަރުކަމުން ކުރިން ވަކިކުރި މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު އަލުން އައްޔަނުކޮށް، އެ ކޮމިޓީގެ މުގައްރިރުކަން އޭނާއަށް އަލުން ދީފިއެވެ.

މިއަދު ބޭއްވި އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި އަސްމާ ވަނީ އެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަސްމާ އަލުން މުގައްރިރުކަމަށް އައްޔަންކުރުމާ އެކު، ކުރިން އެ މަގާމުގައި ހުންނެވި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ މިހާރު ވަނީ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމަށް ބަދަލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުމެއްގައި އަސްމާ އިޖުތިމާއީ ކޮމިޓީން ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އެ މައްސަލަ ފެންމަތިވީ ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގެ ކުރިން، ރައީސާ ކުރަން ބޭނުންވާ ސުވާލުތައް ހިއްސާކޮށްދިނުމަށް އެދި އަސްމާ ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖަކާ ގުޅިގެންނެވެ.

އެ މެސެޖުގެ ސަބަބުން ރައީސްގެ ނުރުހުން އަމާޒުވެ، އެކަމަށް މައާފަށް އެދުމަށް ރައީސް އޮފީހުން އެންގުމުން އަސްމާ ވަނީ މައާފަށް ވެސް އެދިވަޑައިގެންފައެވެ. ނަމަވެސް، އެ މައްސަލައިގައި އޭނާ ކޮމިޓީގެ މުގައްރިރުކަމުންނާއި މެންބަރުކަމުން ވަކިކޮށް، އެ މަގާމަށް ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އައްޔަންކުރިއެވެ.

ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި އަސްމާގެ އާއިލީ ބޭފުޅުންނަށް ވެސް ސަރުކާރުގެ ތެރެއިން ބޮޑެތި ބަދަލުތަކެއް އައެވެ. އެގޮތުން ސަރުކާރާ ދެކޮޅަށް ވާހަކަދައްކާ އޯޑިއޯއެއް ލީކުވި މައްސަލައިގައި، ޔޫއޭއީގެ ސަފީރަކަށް ހުންނެވި އަސްމާގެ ދަރިކަލުން މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި އދ. އަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރިއެވެ.

ނަމަވެސް، ފަހުން މުހައްމަދު ހުސައިން ޝަރީފް ވަނީ ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކޮށްފައެވެ. އަދި ޑރ. ސަލްމާ ވަކިކުރަން ނެރުނު ސިޓީ ވެސް ފަހުން ވަނީ ބާތިލުކޮށްފައެވެ. އަސްމާ އަލުން ކޮމިޓީގެ މުގައްރިރުކަމަށް ވަޑައިގެންފައި މިވަނީ މި ހުރިހާ ބަދަލުތަކަކަށް ފަހުގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0