ސިޔާސީ , ޚަބަރު

އީސީން އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމާއެކު ޕީއެންސީ ކެންޑިޑޭޓް ބަދަލުވެއްޖެ

29 އޭޕްރީލް 2026 - 15:05
އީސީން އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމާއެކު ޕީއެންސީ ކެންޑިޑޭޓް ބަދަލުވެއްޖެ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމާއި އެކު ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ޕްރައިމަރީ ކާމިޔާބު ކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން، އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައި ކެންޑިޑޭޓް ބަދަލުކޮށްފިއެވެ. 

ސިނާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި އޭނާއަށް ތާއީދުކޮށް ވޯޓު ދެއްވި މެންބަރުންނަށާއި، އޭނާގެ ކާމިޔާބީއަށް މަރުހަބާ ވިދާޅުވި ޕާޓީގެ ރައީސާއި ލީޑަރޝިޕަށް ޝުކުރު ދަންނަވާ ކަމަށެވެ. ނަމަވެސް، ފާއިތުވި ތިން ދުވަހު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ކުރެވުނު މަޝްވަރާތަކަށްފަހު، އަމިއްލައަށް ފަހަތަށް ޖެހިވަޑައިގަތުމަށް ނިންމެވީ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

"މިގޮތަށް ނިންމި ނަމަވެސް މިގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެނޑިޑޭޓެއް އިންތިޚާބު ކޮށްދިނުމަށް އަޅުގަނޑު ފުރިހަމަ ބައިވެރިވުމާއި އަޅުގަނޑުގެ ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަޤީންކަންވެސް އަރުވަމެވެ،" ސިނާން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި ނިންމުން ޕާޓީގެ ރައީސަށާއި ލީޑަރޝިޕަށް މިހާރު ހުށަހަޅާފައިވާ ކަމަށާއި، ޕާޓީން އެ ނިންމުން ބަލައިގެންފައިވާ ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ސިނާން ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި ލޯނަކަށް ފައިސާ ނުދައްކާ އޮތް މައްސަލައެއްގައި، އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. މިއީ 3.8 މިލިއަން ރުފިޔާ ދެއްކުމަށް ސ. ހިތަދޫ ކޯޓުން ކުރި ހުކުމަކާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށެވެ. ސިނާން ވަނީ ޕާޓީން ދެން ދައްކާ ކެންޑިޑޭޓަކާއެކު ދާއިރާގެ ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެ ކަމަށާއި، ހުރިހާ ރައްޔިތުން އައު ރޫހެއްގައި ނުކުމެ ޕާޓީގެ ކެންޑިޑޭޓް އިންތިޚާބު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0