ސިޔާސީ , ޚަބަރު

ގޮނޑި ގެއްލޭ އިސްލާހު ބާތިލު ނުކުރެވޭނެ: ސުޕްރީމް ކޯޓު

29 އޭޕްރީލް 2026 - 14:33
ގޮނޑި ގެއްލޭ އިސްލާހު ބާތިލު ނުކުރެވޭނެ: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފްލޯ ކްރޮސްކޮށްފި ނަމަ ނުވަތަ އެމީހަކު އެހެން ސިޔާސީ ޕާޓީއަކާ ގުޅިއްޖެ ނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ބުނެ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

މި ގޮތަށް ނިންމާފައިވަނީ އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.

މި މައްސަލައިގައި މިއަދު ހުކުމް ކުރައްވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައެޅޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އަދި މި ސަރުކާރުން ގެނައި މި އިސްލާހު ބާތިލް ކުރަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މިހާރުގެ މެންބަރުންގެ މައްޗަށް މި އިސްލާހު ނުހިނގާނެ ކަމަށް ދައުވާ ކުރާ ފަރާތުން ބުނި ނަމަވެސް، ކޯޓުން ވަނީ އެކަން ބަލައިނުގަނެފަ އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ "ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރުންގެ މައްޗަށް ތަތުބީގު ކުރެވޭނެ އިސްލާހެއް ނޫން ކަމަށް ކަނޑައެޅޭނެ އަސާސެއް ނެތް"ކަމަށެވެ.

މި މައްސަލައިގައި ހިލާފު ރައުޔެއް ނެރުއްވީ ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދު އެކަންޏެވެ. އެކަމަނާގެ ރައުޔުގައި ވިދާޅުވީ މިއީ ގާނޫނުއަސާސީއާ ހިލާފަށް ގެނައި ބަދަލެއް ކަމަށާއި، މިއީ "ގަވާއިދުތަކެއްގެ މައްޗަށް ބިނާވާ ކުޅިވަރެއް ރައްޔިތުން ކުޅެމުންދަނިކޮށް، އެނގުމެއް، އަހާލުމެއް އަދި މަޝްވަރާ ކުރުމެއް ނެތް ކުޅުމުގެ މެދުތެރެއިން ގަވާއިދު ބަދަލު ކުރުމުގެ ހާލަތެއް" ކަމަށެވެ.

ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ދުވަސްވަރު ކޯޓުގެ ތިން ފަނޑިޔާރަކަށް ފިޔަވަޅު އަޅާފައިވާކަން ފާހަގަކުރެވެ އެވެ. އޭގެ ތެރެއިން ދެ ފަނޑިޔާރަކު މަގާމުން ވަކިކުރިއިރު، އެކަކު ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ.

މިއަދުގެ މި ނިންމުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ މި ސަރުކާރުން ފަހުން އައްޔަން ކުރެއްވި ތިން ފަނޑިޔާރުން ވެސް ހިމެނޭ ބެންޗަކުންނެވެ. މިއާއެކު، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް އޮތް މާއްދާ ދެމިއޮންނާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0