'އައިޝާ' ޑޮކިއުމަންޓްރީ: "އަދަދު" ނޫހުގެ އެޑިޓަރު ހަސަނަށް ޖިނާއީ ފަސް ކުށެއްގެ ތުހުމަތު
އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ސަރުކާރުން އަންގައިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައިގެ ތަހުގީގަށް އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު މިއަދު ހެނދުނު ފުލުސް އޮފީހަށް ހާޒިރުކޮށް، ޖިނާއީ ފަސް ކުށެއްގެ ތުހުމަތުކޮށްފި އެވެ.
ހަސަން ފުލުސް އޮފީހަށް ހާޒިރުވެފައިވަނީ މިއަދު ހެނދުނު 08:30 ގައެވެ.
ހަސަންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ:
- މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް - ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ
- މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް - ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނަންބަރުގެ ދަށުން
- ގަޛްފުގެ ކުށް - ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާ
- ކުށެއް ކުރުމަށް އެދުން - ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާ
- ކުށެއް ކުރުމަށް ރޭވުން - ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާ
ހަސަންވަނީ ތުހުމަތުތަކަށް އިންކާރުކޮށް ހަނުހުރުމުގެ ހައްގު ބޭނުންކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މިއަދު މެންދުރު 02:30 ގައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވެސް ފުލުހަށް ހާޒިރުކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން، މި މައްސަލައިގައި ޕާސްޕޯޓު ހިފަހައްޓާފައިވާ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ވެސް ފުލުހުންގެ ޗިޓު ވަނީ ފޮނުވާފައެވެ.
ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ، "2026 މާރިޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ގަޛުފުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އާއިޝާ މިނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިރުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ" ހާޒިރުވާން އަންގާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް އަންގާރަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، އެ ތަނުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ. އަދި އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުން ވަނީ ފިޔާޒު އާއި ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ.
މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށާފައިވަނީ "އައިޝާ" ޑޮކިއުމެންޓްރީ ގެނެސްދިންތާ މަސް ދުވަސް ފަހުންނެވެ. ތަހުގީގު އަވަސްވެފައިވަނީ އެ ޑޮކިއުމެންޓްރީގައި ރައީސްއަށް ކުރި ތުހުމަތުތަކާ ގުޅިގެން އިއްޔެ ރައީސް މުހައްމަދު މުއިއްޒުއާ ސުވާލުކުރި ހިސާބުންނެވެ. ރައީސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، އެ މައްސަލައިގައި ދައުވާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.






ރިއެކްޓް