އަދަދު ނޫހަށް ފިޔަވަޅުއެޅުން ހުއްޓާލަން ސީޕީޖޭއިން ގޮވާލައިފި
"އަދަދު" ނޫހުގެ އޮފީހައް ވަދެ ފުލުހުން ހިފެހެއްޓި ތަކެތި ވަގުތުން އަނބުރާ ދިނުމަށާއި، އެ ނޫހުގެ ނޫސްވެރިންގެ ޕާސްޕޯޓުތައް ދޫކޮށް ނޫސްވެރިންނަށް ޖިނާއީ ތުހުމަތުކުރުން ހުއްޓާލުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ގޮވާލައިފިއެވެ.
ސީޕީޖޭއިން މިކަމަށް ގޮވާލާފައިވަނީ އެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައެވެ.
މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ފުލުހުން ވަނީ މާލޭގައި ހުންނަ އަދަދު ނޫހުގެ އޮފީސް ރެއިޑްކޮށް، އެތަނުން ބައެއް އިލެކްޓްރޯނިކް ސާމާނުތައް ގެންގޮސްފައެވެ. މި ރެއިޑަކީ މާރިޗު 28 ގައި އެ ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހިންގި ހަރަކާތެކެވެ. އެ ޑޮކިއުމެންޓްރީގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ވަނީ ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ޖިންސީ ގޯނާ އާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ.
ފުލުހުން އޮފީސް ބަލައި ފާސްކުރުމަށް ހޯދި އަމުރުގައި ހަވާލާދީފައިވަނީ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ (ހ) އަށެވެ. މިއީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ "ގަޒްފު" ނުވަތަ ޒިނޭގެ ދޮގު ތުހުމަތު ކުރުމުގެ ކުށާ ގުޅޭ މާއްދާއެކެވެ. މިކަމާ ގުޅިގެން ސީޕީޖޭގެ އޭޝިއާ-ޕެސިފިކް ޕްރޮގްރާމް ކޯޑިނޭޓަރު ކުނާލް މަޖުމްދަރު ވިދާޅުވީ، "އަދަދު ނޫސް ރެއިޑްކުރުމާއި ދަތުރުފަތުރު ކުރުން މަނާކުރުމަކީ ދީނީ އަދި ގައުމީ މަސްލަހަތުގެ ނަމުގައި އިންވެސްޓިގޭޓިވް ޖާނަލިޒަމް ހުއްޓުވަން ކުރާ މަސައްކަތެއް" ކަމަށެވެ.
މި މައްސަލާގައި މިހާތަނަށް ތިން ފަރާތެއް ފުރުން މަނާކޮށް ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި، އެޑިޓަރު ހަސަން މުހައްމަދުގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރުއްވާފައިވާ އިޝާ މުހައްމަދެވެ.
މި މައްސަލައިގައި ސީޕީޖޭއިން ފޮނުވި އީމެއިލްތަކަށް ފުލުހުންނާއި ރައީސް އޮފީހުން އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.






ރިއެކްޓް