ރައީސް ޔާމީންގެ އިލްތިމާސް: މީޑިއާ ކުށްވެރިނުކުރައްވާ، އަމަލުތައް އިސްލާހު ކުރައްވާ!
ފުލުހުން 'އަދަދު' ނޫހުގެ އޮފީސް ބަލައިފާސްކޮށް، ޗެނަލް 13 ގެ ބްރޯޑްކާސްޓަަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން (ކޮންޓްރޯލް) ކޮމިޝަނުން ހުރަސް އަޅާފައިވާ ދަނޑިވަޅެއްގައި، މީޑިއާތައް ކުށްވެރިނުކޮށް އަމަލުތައް އިސްލާހުކުރަން ކުރީގެ ރައީސް އަބްދުالله ޔާމީން ރައީސް މުހައްމަދު މުއިއްޒުއަށް ގޮވާލައްވައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން 'އަދަދު' ނޫހުގެ އޮފީހަށް ރޭގެ ވަގުތެއްގައި ވަދެ، ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަނީ ގެންގޮސްފަ އެވެ. މިއީ އެ ނޫހުން ގެނެސްދިން 'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން ހެކި ހޯދުމަށް ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް، ވަކީލުން ތުހުމަތުކުރާ ގޮތުގައި މިއީ ނޫހުގެ މަސައްކަތް ހުއްޓުވުމުގެ ބޭނުމުގައި ހިންގި އަމަލެކެވެ.
މީގެ އިތުރުން، ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްްރޮންޓް (ޕީއެންއެފް) އިން ކުރިއަށްގެންދާ ސިލްސިލާ މަގުމަތީ ހަރަކާތްތަކުގެ ލައިވް ކަވަރޭޖު ހުއްޓާލުމަށް ކޮންޓްރޯލް ކޮމިޝަނުން ރޭ ވަނީ ޗެނަލް 13 އަށް އަންގާފަ އެވެ. މިކަމާ ގުޅިގެން ޕީއެންއެފްގެ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ޔާމީން ވިދާޅުވީ، "މީޑިއާ ކުށްވެރިނުކުރައްވާ، އަމަލުތައް އިސްލާހު ކުރައްވާ" މިފަދައިންނެވެ.
މިދިޔަ މާޗް މަހު އާންމުކުރި 'އައިޝާ' ޑޮކިއުމަންޓްރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މުވައްޒަފަކު ވަނީ ރައީސް މުއިއްޒާއެކު ޒާތީ ގުޅުމެއް އޮތް ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.
ފާހަނގަކޮށްލެވޭ ކަމަކީ މީގެ ކުރިން ވެސް އެކި ފަހަރުމަތިން ޗެނަލް 13 ގެ ބްރޯޑްކާސްޓް ހުއްޓުވުމަށް ކޮންޓްރޯލް ކޮމިޝަނުން ވަނީ މަސައްކަތް ކޮށްފަ އެވެ.
އެގޮތުން ސެޕްޓެމްބަރު 17، 2025 ގައި ވެސް ޗެނަލް 13 ގެ ބްރޯޑްކާސްޓް ދެ ގަޑިއިރަށް މެދުކަނޑާލި އިރު، އޮގަސްޓު 2025 ގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ދުރަށް ފޮނުވަން ތައްޔާރުވެފައި ވަނިކޮށް ވެސް ބްރޯޑްކާސްޓް ހުއްޓާލަން އަންގާފައިވާކަން ފާހަގަކުރެވެ އެވެ.






ރިއެކްޓް