ސިޔާސީ , ޚަބަރު

'އައިޝާ' ޑޮކިއުމަންޓްރީ: ތަހުގީގަށް އަދަދު ނޫހުގެ އެޑިޓަރުގެ ޕާސްޕޯޓްވެސް ހިފަހައްޓައިފި

28 އޭޕްރީލް 2026 - 10:22
'އައިޝާ' ޑޮކިއުމަންޓްރީ: ތަހުގީގަށް އަދަދު ނޫހުގެ އެޑިޓަރުގެ ޕާސްޕޯޓްވެސް ހިފަހައްޓައިފި

އޮންލައިން ނޫސް "އަދަދު" އިން ތައްޔާރުކޮށް އާންމުކުރި 'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގަށް އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓުވެސް ހިފަހައްޓައި، ފުރުން މަނާކޮށްފި އެވެ.

މިއަދު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓާފައި ވާއިރު ރޭ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ފިޔާޒްގެ ޕާސްޕޯޓް ވަނީ  ޖުލައި 26 ގެ ނިޔަލަށް ހިފަހައްޓާފައިއެވެ.

އިމިގްރޭޝަންގެ މައްޗަށް ނެރެފައިވާ މި އަމުރުގައި ބުނެފައިވަނީ، ޕާސްޕޯޓް ހިފަހައްޓަނީ އެ ނޫހުން އާންމުކުރި ޑޮކިއުމަންޓްރީގައި ރައީސުލްޖުމްހޫރިއްޔާއަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ތަހުގީގެއް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރިއަށްގެންދާތީ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން "އަދަދު" ނޫހުގެ އޮފީހަށް ވަދެ އެ ތަން ފާސްކޮށްފަ އެވެ. މި ރޭޑުގައި އޮފީހުގައި ބޭނުންކުރާ އިލެކްޓްރޯނިކް އެކި އާލާތްތަކާއި ސްޓޯރޭޖް ޑިވައިސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ނޫހުން ވަނީ ބުނެފަ އެވެ. ފުލުހުން ވެސް ވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ އޮފީސް ފާސްކުރަމުންދާކަން ކަށަވަރުކޮށްދީފަ އެވެ.

މިދިޔަ މާޗް މަހު އާންމުކުރި މި ޑޮކިއުމަންޓްރީގެ މައްސަލަ މީޑިއާ ކައުންސިލުން ވެސް ބަލަމުންދާ ކަމަށް މީގެ ކުރިން އެ ނޫހުން ބުނެފައިވެ އެވެ.

އިއްޔެ ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ހުރިހާ ވާހަކަތަކެއް ކަނޑައެޅިގެން ދޮގުކުރައްވާފަ އެވެ. ރައީސް ވިދާޅުވީ "އެ ޑޮކިއުމަންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ" ކަމަށެވެ.

މި މައްސަލައާ ގުޅިގެން ނޫހުގެ އިސްވެރިންނަށް ފުރުން މަނާކުރުމުގެ އަމުރު ނެރެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0