އަދަދު އޮފީހަށް ޖެހި ރެއިޑް އެމްޑީޕީންނާއި ރައީސް ސޯލިހު ކުށްވެރިކޮށްފި
އޮންލައިން ނޫސް "އަދަދު" ގެ އޮފީހަށް ރޭގެ ވަގުތެއްގައި ފުލުހުން ވަދެ ޖެހި ރެއިޑް، އިދިކޮޅު އެމްޑީޕީ އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.
މި ހަރަކާތަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއްގެ ގޮތުގައި އެ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާ 'އައިޝާ' ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދު އޮފީސް ރެއިޑް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ކޯޓު އަމުރުގައި ބަލާ ފާސްކުރެވޭނީ ކޮން މިންވަރަކަށްކަން ސާފުކޮށް އެނގެން ނެތްއިރު، އެ ތަނުގައި ބޭނުންކުރާ އެކި އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހިފެހެއްޓުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގި ރެއިޑާމެދު ނުހަނު ކަންބޮޑުވުން ފާޅުކުރައްވާ ކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު މަސައްކަތްކުރާ ތަނަކަށް ވާންޖެހެއެވެ.
"ނަމަވެސް މިއަދު ފެންނަމުންދާ މަންޒަރުތަކުން އެކަން އެގޮތަށް ކުރިއަށްދާ ކަމަކަށް ނުބެލެވެއެވެ. މިއީ ޑިމޮކްރަސީގެ އަސާސްތަކާ ޚިލާފު، ކަންބޮޑުވާންޖެހޭ ކަމެކެވެ،" ރައީސް ސޯލިހުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
މި ރެއިޑަކީ ނޫސްވެރިންގެ މަސައްކަތަށް ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި ސިޔާސީ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.






ރިއެކްޓް