ސިޔާސީ , ޚަބަރު

'އައިޝާ' ޑޮކިއުމަންޓްރީ: ތަހުގީގަށް ފިޔާޒްގެ ޕާސްޕޯޓް ހިފަހައްޓައިފި

27 އޭޕްރީލް 2026 - 23:48
'އައިޝާ' ޑޮކިއުމަންޓްރީ: ތަހުގީގަށް ފިޔާޒްގެ ޕާސްޕޯޓް ހިފަހައްޓައިފި

އޮންލައިން ނޫސް "އަދަދު" އިން ތައްޔާރުކޮށް އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ފިޔާޒްގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފިޔާޒްގެ ޕާސްޕޯޓް ހިފަހައްޓައި އިމިގްރޭޝަންގެ މައްޗަށް ނެރެފައިވާ އަމުރުގައި ބުނެފައިވަނީ، ޕާސްޕޯޓް ހިފަހައްޓަނީ އެ ނޫހުން އާންމުކުރި ޑޮކިއުމެންޓްރީގައި ރައީސުލްޖުމްހޫރިއްޔާއަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ތަހުގީގެއް ކުރިއަށްދާތީ ކަމަށެވެ.

ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ މި މައްސަލައާ ގުޅިގެން، މިއަދުން ފެށިގެން ޖުލައި 26 ގެ ނިޔަލަށް އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.

ފުލުހުން މިއަދު ވަނީ ކޯޓު އަމުރެއްގެ ދަށުން "އަދަދު" ނޫހުގެ އޮފީހަށް ވަދެ އެ ތަން ފާސްކުރަން ފަށާފަ އެވެ. އެ ނޫހުން ބުނި ގޮތުގައި ފުލުހުން ދަނީ އޮފީހުގައި ބޭނުންކުރާ އިލެކްޓްރޯނިކް އެކި އާލާތްތަކާއި ސްޓޯރޭޖް ޑިވައިސްތައް ފަދަ ތަކެތި ތަހުގީގުގެ ބޭނުމަށް ނަގަމުންނެވެ. ފުލުހުން ވެސް ވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ އޮފީސް ފާސްކުރަމުންދާކަން ކަށަވަރުކޮށްދީފަ އެވެ.

މިދިޔަ މާޗް މަހު އާންމުކުރި މި ޑޮކިއުމެންޓްރީގެ މައްސަލަ މީޑިއާ ކައުންސިލުން ވެސް ބަލަމުންދާ ކަމަށް މީގެ ކުރިން އެ ނޫހުން ވަނީ ބުނެފަ އެވެ. ފުލުހުންގެ ޓީމުތަކުން މިހާރު ދަނީ އެ އޮފީސް ހިންގާ އިމާރާތުގެ އެތެރޭގަ އާއި ބޭރުގައި ހަރަކާތްތެރިވަމުންނެވެ.

މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޑޮކިއުމެންޓްރީގައި ހިމެނޭ ހުރިހާ ވާހަކަތަކެއް ކަނޑައެޅިގެން ދޮގުކުރައްވާފަ އެވެ. ރައީސް ވިދާޅުވީ "އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ" ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0