މޭޔަރު އާޒިމަށް ހަމަލާދިން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއަށް މަގުމަތިން ހަމަލާދީ މާރާމާރީ ހިންގި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ފުލުހުން ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގ. އީރީ، އަބްދުﷲ މުއާޒް (35އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މޭޔަރު އާޒިމްއަށް ހަމަލާދީފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިންނެވެ. ހެންވޭރު ސަހަރާ ކައިރިން މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށް، މުއާޒް ކުއްލި ގޮތަކަށް އާޒިމްގެ ކުރިމައްޗަށް އަރައި، އޭނާގެ މޭމަތީގައި ޖަހައި ކޮށްޕާލި މަންޒަރު މުޒާހަރާ ލައިވްކުރި ވީޑިއޯތަކުން ފެނެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން، މުއާޒްއާ ދެކޮޅަށް ފުލުހުން ވަނީ ސީސީޓީވީ ސްނެޕްޝޮޓްތަކާއި އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅާފައެވެ. މުއާޒަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އެގޮތުން 2012 ވަނަ އަހަރު ފްލެޓެއްގެ ތެރޭގައި މީހަކަށް ވަޅިން ހަމަލާދިން މައްސަލައެއްގައިވެސް އޭނާ ހައްޔަރުކޮށްފައިވާކަން ރެކޯޑްތަކުން ދައްކައެވެ.
މި ހާދިސާއާ ގުޅިގެން ކޯޓުގައި މުއާޒް ބުނެފައިވަނީ، "އޭނާ މޭޔަރުގެ ކައިރިއަށް ދިޔައީ ވާހަކަ ދައްކަން ކަމަށާއި، އޭނާއަށް ހަމަލާދީ މާރާމާރީ ހިންގީ މުޒާހަރާގެ ބައިވެރިން" ކަމަށެވެ.
މޭޔަރު އާޒިމްއަށް ދިން މި ހަމަލާއަކީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް، ސަރުކާރުން ވަނީ އެކަން ހަރުކަށި އިބާރާތުން ދޮގުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މޭޔަރަށް ދިން ހަމަލާ ކުށްވެރިކުރައްވައި، އެކަން ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް