ސިޔާސީ , ޚަބަރު

'އައިޝާ' ޑޮކިއުމަންޓްރީ: ތަހުގީގަށް 'އަދަދު' ނޫހުގެ އޮފީސް ބަލާފާސްކުރަނީ

27 އޭޕްރީލް 2026 - 20:46
'އައިޝާ' ޑޮކިއުމަންޓްރީ: ތަހުގީގަށް 'އަދަދު' ނޫހުގެ އޮފީސް ބަލާފާސްކުރަނީ
އައިޝާ ޑޮކިއުމެންޓްރީގެ ކަވާރ: އާޓްވޯކް، އަދަދު

'އަދަދު' ނޫހުން އާންމުކުރި 'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފިއެވެ.

ފުލުހުން އެ އޮފީހަށް ވަދެފައިވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކަން ދޮގުކުރައްވައި، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އާންމުކުރި މި ޑޮކިއުމަންޓްރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މުވައްޒަފަކު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ޒާތީ ގުޅުމެއް އޮތް ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ރައީސް އޮފީހުގެ ތެރޭގައި ޖިންސީ ގުޅުން ހިންގި ކަމަށާއި، ކޮންމެ މަހަކު ފައިސާ ދެމުންދިޔަ ކަމުގެ އިތުރުން ދެވަނަ އަނތްބެއްގެ ގޮތުގައި ކައިވެނި ކުރުމަށް ރައީސް ހުށަހެޅުއްވި ކަމަށްވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ހުރިހާ ވާހަކަތަކެއް ކަނޑައެޅިގެން ދޮގުކުރައްވާފައެވެ. އެ ޑޮކިއުމެންޓްރީގެ މަސައްކަތުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދަދު ނޫހުގެ ނޫސްވެރިން ބުނާ ގޮތުގައި ފުލުހުން ހޯދާފައިވާ ކޯޓު އަމުރުގައި އެ އޮފީހުން ސީދާ ހޯދަން ބޭނުންވަނީ ކޮން އެއްޗެއްކަން ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް، ފުލުހުން އެ ތަނުގައި ހަރަކާތްތެރިވަމުންދަނީ އެ ޑޮކިއުމަންޓްރީއާ ގުޅުންހުރި ހެކިތަކެއް ހޯދުމަށް ކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

މި ޑޮކިއުމަންޓްރީއާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މިއީ ސިޔާސީ މަގުސަދެއްގައި ރައީސްގެ އަބުރު ކިލަނބުކުރުމަށް ކުރި ކަމެއް ކަމަށް ބުނާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0