ގެއިން މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދެއް، ކުރާ މަސައްކަތެއް ނޭނގޭ: އެމްއޭސީއެލް އެމްޑީ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންގެ ތެރޭގައި 'ވޯކް ފްރޮމް ހޯމް' ނުވަތަ ގެއިން މަސައްކަތް ކުރާ މުވައްޒަފުން ތިބި ނަމަވެސް، އެއީ ކިހާ އަދަދެއްގެ ބައެއްކަމާއި އެ މީހުން ކުރަނީ ކޮން މަސައްކަތެއްކަން ސީދާ ވިދާޅުވާން ނޭނގޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަރީފް މިއަދު އެހެން ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒު މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ނުކުތް ނޫސްވެރިންނާ ޝަރީފްއާ އެ އޮފީހުގެ ބޭރުން ބައްދަލުވުމުން އެ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެވެ.
ޝަރީފް ވިދާޅުވީ، އެމްއޭސީއެލް އަކީ ވަރަށް ބޮޑު ކުންފުންޏެއް ކަމަށާއި ކުންފުނީގެ ޖުމްލަ މުވައްޒަފުންގެ އަދަދު މިހާރު 5،000 އަށް ވުރެ އިތުރުވާނެ ކަމަށެވެ. އަދި ކުންފުނިން މިހާރު އާ މަސައްކަތްތަކެއް ކުރަމުންދާތީ މުވައްޒަފުންގެ އަދަދު އިތުރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޝަރީފް ވިދާޅުވީ ފިނޭންސް މިނިސްޓްރީ އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިގެން ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. "މިހާރު ފިނޭންސް މިނިސްޓްރީ އާއި ޕީސީބީން އަންގައިގެން ރައިޓް ސައިޒް ކުރުމުގެ މަސައްކަތް އެބަ ކުރަން،"ތަފްސީލަކަށް ވަޑައިނުގަންނަވައި އޭނާ ވިދާޅުވި އެވެ.
ކުންފުނީގެ އޮފީހަށް ނުނިކުމެ، އެއްވެސް މަސައްކަތެއް ނުކޮށް މުސާރަ ލިބޭ މުވައްޒަފުން ތިބި ކަމަށް ބުނެ ދާދި ފަހުން ލިސްޓެއް އާންމުވެފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ޝަރީފް ވިދާޅުވީ، ގެއިން މަސައްކަތް ކުރާ މީހުންގެ ތެރޭގައި ތިބީ ކޮން މަސައްކަތެއް ކުރާ ބަޔަކު ކަމެއް ވިދާޅުވާން ދަތި ކަމަށެވެ.
އަދި ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއްގެ ދަށުން ކުންފުނި ރައިޓް ސައިޒް ކުރާއިރު ވަކިކުރާނީ ކިހާ މުވައްޒަފުންނެއް ކަން އަދި ކަނޑަނޭޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ސަރުކާރު ކުންފުންޏެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އެހެން ބައެއް އެއާޕޯޓުތައް ވެސް ހިންގަމުން އަންނަ މި ކުންފުނީގެ ދަށުން ސަބްސިޑަރީ ކުންފުންޏެއް އުފައްދައި، ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ވެސް މިހާރު އަންނަނީ ހިންގަމުންނެވެ.






ރިއެކްޓް