ސިޔާސީ , ޚަބަރު

ކުޅުދުއްފުށީ ހައުސިންގ މަޝްރޫއު ކުރިއަށް ނުދާތީ ވަޅުލައި، މަހާނަގާ ޖަހައިފި

27 އޭޕްރީލް 2026 - 14:11
ކުޅުދުއްފުށީ ހައުސިންގ މަޝްރޫއު ކުރިއަށް ނުދާތީ ވަޅުލައި، މަހާނަގާ ޖަހައިފި

ހދ. ކުޅުދުއްފުށީގެ ބަޔަކު، އެ ރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ނުދާ ކަމަށް ބުނެ، އެ މަޝްރޫއުގެ ބިންގާ ވަޅުލައި މަހާނަގާ ޖަހައި ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ. 

މި ހަރަކާތް ހިންގާފައިވަނީ ރައީސް މުހައްމަދު މުއިއްޒު އެ ރަށަށް ވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގައި ލަސްވަމުންދާ ކަމަށް ބުނެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފާޅުކުރުމުގެ ގޮތުންނެވެ.

ކުޅުދުއްފުށީގެ ހިއްކި ބިމުގައި ހައުސިން މަޝްރޫއުގެ ބިންގާ އަޅާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމުގެ އިތުރުން އެޗްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް، މިއަދު އެ ރަށުގެ ބަޔަކު ވަނީ ބިންގާ އެޅި ސަރަހައްދުގައި ދެ މަހާނަގާ އިންދައި، އެތަން މަހާނައަކަށް ބަދަލުކޮށްލާފައެވެ.

އެ މަހާނަގަލުގައި ލިޔެފައިވަނީ "ކުޅުދުއްފުށީ ސިޓީ ޑރ. މުހައްމަދު މުއިއްޒުގެ 2،000 ހައުސިން ޔުނިޓް ވައުދުފުޅު" މިހެންނެވެ. މި ހަރަކާތް ހިންގި ފަރާތްތަކުން ބުނާ ގޮތުގައި މީގެ ބޭނުމަކީ އެ މަޝްރޫއު "މަރުވެފައިވާ" ކަން ދެއްކުމެވެ. ފުލުހުން މިއަދު ހެނދުނު އެ ސަރަހައްދަށް ގޮސް އެތަނުގައި ޖަހާފައި ހުރި މަހާނަގަލާއި ދިދަތައް ވަނީ ނަގާފައެވެ.

ކުޅުދުއްފުށީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ، ރައީސް ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި 2،000 ހައުސިން ޔުނިޓުގެ ވައުދުގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައި ނެތުމެވެ. ރައްޔިތުން ބުނާ ގޮތުގައި އިންތިހާބުތަކާ ދިމާކޮށް ބިންގާ އެޅުމަކީ މިހާރު އިތުބާރު ކުރެވޭ ކަމެއް ނޫނެވެ. މީގެ ކުރިން ވެސް 2024 ވަނަ އަހަރުގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، މިދިޔަ އަހަރު އެޗްޑީސީއާ ހަވާލުކޮށްގެން ވެސް މަސައްކަތް ފެށޭނެ ކަމަށް އޮތީ ބުނެފައެވެ.

"އެއީ އަމަލީ މަސައްކަތެއް ނުފެންނަ ބިންގަލެއް،" ފޭސްބުކްގައި ހިޔާލުފާޅުކުރި އެ ރަށުގެ މީހަކު ބުނެފައިވެއެވެ. މި މަޝްރޫއަކީ މާލެ ސަރަހައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ގޮތުގައި ސަރުކާރުން ސިފަކުރާ މަޝްރޫއެކެވެ.

ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގައި ހިމެނެނީ 14 ބުރީގެ 13 ޓަވަރު އިމާރާތް ކުރުމެވެ. ކުރިން އެޗްޑީސީއާ މި މަސައްކަތް ހަވާލުކޮށްފައި އޮތް ނަމަވެސް، މިހާރު މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ 'ޓީމްވަން އިންޑިއާ' އާއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0