ސިޔާސީ , ޚަބަރު

އެސްއޯއީތަކުން މީޑިއާތަކަށް ފައިސާ ދިނުމަކީ އެ ކުންފުނިތަކުގެ އަމިއްލަ ކަމެއް: ރައީސް

27 އޭޕްރީލް 2026 - 12:44
އެސްއޯއީތަކުން މީޑިއާތަކަށް ފައިސާ ދިނުމަކީ އެ ކުންފުނިތަކުގެ އަމިއްލަ ކަމެއް: ރައީސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) އެކި ކަންކަމާއި މަސައްކަތްތައް އިޝްތިހާރުކުރުމަށް މީޑިއާތަކުގެ ޕެކޭޖުތައް ނަގައިގެން މަސައްކަތް ކުރުމަކީ އެ ކުންފުނިތަކަށް ލިބިފައިވާ ހައްގެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކުންފުނިތަކުން އިސްނަގައިގެން އެމީހުންގެ އުފެއްދުންތަކާއި މަސައްކަތްތައް އިޝްތިހާރު ކުރުމަށް މީޑިއާތަކާއެކު އެއްބަސްވުންތައް ހެދުމަކީ އެ ކުންފުނިތަކުގެ އަމިއްލަ އިހުތިޔާރުގައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް މިފަދަ އެއްބަސްވުންތައް ހަދަންވާނީ ދެފުށް ފެންނަ، ޕްރޮފެޝަނަލް މިންގަނޑުތަކުގެ ތެރެއިން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދެން ކުންފުނިތަކުން އަމިއްލައަށް އެމީހުން އިސްނަގައިގެން އެމީހުންގެ ޕްރޮޑަކްޓްސްތައް އިޝްތިހާރު ކުރަންވެގެން ނޫނީ އެމީހުން ކުރާ މަސައްކަތް އިސްތިހާރު ކުރުމަށްޓަކައި މީޑިއާތަކާ އެކީގައި އެކި ކަހަލަ އެގްރީމަންޓްސްތައް ހަދައިގެން މީޑިއާ ޕެކޭޖުތައް ނަގައިގެން ކުރިއަށްގެންދިޔުމަކީ އެ ކުންފުނީގެ އަމިއްލަ ރައިޓެއް،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، މީޑިއާތަކަށް އެސްއޯއީތަކުން ސްޕޮންސާ ދިނުމުގެ ތެރެއަށް ރައީސް އޮފީހުން ނުފޫޒު ފޯރުވާނަމަ އެކަން އެމަނިކުފާނަށް އަންގައިދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭން ފެށުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށާއި، މިހާރު އެކަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ބަޖެޓުން 40 މީޑިއާއަކަށް ޖުމްލަ 27.29 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ފެށުމާއެކުވެސް، ކުންފުނިތަކުން މީޑިއާތަކަށް ފައިސާ ދޭތީ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. ނަމަވެސް ރައީސް ވިދާޅުވީ ކުންފުނިތަކުން ވިޔަފާރީގެ އުސޫލުން ކުރާ އިޝްތިހާރުތަކަކީ މީޑިއާ ގްރާންޓާ ތަފާތު ކަމެއް ކަމަށެވެ. މީޑިއާތަކަށް ފައިސާ ކަނޑައެޅުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0