އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ 3.5 ބިލިޔަން ރުފިޔާ ދައްކައިފިން: ރައީސް
ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން 3.5 ބިލިއަން ރުފިޔާ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ހަފްތާ ނިއުސް ބްރީފިންގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ ހަފުތާއަކު ގާތްގަނޑަކަށް 700 ވެންޑަރުންނަށް ފައިސާ ދޫކުރަމުން އައި ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ކަމަށެވެ.
މީގެ އިތުރުން، ނޮވެމްބަރުން ފެށިގެން މިހާތަނަށް 3.5 ބިލިއަން ރުފިޔާ ދޫކުރުމުގެ އިތުރުން، މި މަހުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު 260 މިލިއަން ރުފިޔާގެ ބިލުތައް ދެއްކުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ފައިސާ ދޫކުރަމުންދަނީ ބޭރުގެ ދަރަނިތައްވެސް ގަވާއިދުން ދައްކަމުންނެވެ. މިގޮތުން، މިދިޔަ ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބޭރުގެ ދަރަނީގެ ގޮތުގައި ދެއްކި ފައިސާގެ ތަފްސީލުވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ އެއްވެސް ހަރުމުދަލެއް ވިއްކާނުލައި އަދި ރަހުނުކުރުމަކާ ނުލައި، މިދިޔަ 21 ދުވަހުގެ ތެރޭގައި ބޭރުގެ ދަރަނިތަކަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ދައްކާފައިވާނެ ކަމަށެވެ.
މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދިފައިވާ ކުރިއެރުމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.






ރިއެކްޓް